07 Nov 2018, 20:07
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާޢި ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިނިވަންކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ނަޝީދު މިރޭ ވިދާޅުވީ އަބްދުﷲ ސައީދާއި އަލީ ހަމީދަށް އާއިލާ އާއެކު އުޅެވެނެ ގޮތް ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ.
އެދެބޭފުޅުން ޖަލަށްލެވުނީ ނުހައްގު ޝަރީއަތެއް ހިންގުމަށްފަހު ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ހިތާމައިގެ ކޮޅެއް ނެތް. ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިއަދުވެސް ވަނީ ނުހައްގުން ހިންގުނު ޝަރީއަތަކާ ބޭއިންސާފުން ކުރެވުނު ތުހުމަތެއްގައި ޖަލުގައި. އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ކަމެއް ނޫން ބޭއިންސާފުން އެއްވެސް ބަޔަކަށް އަނިޔާ ލިބުމަކީ،"
އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން އަބްދުﷲ ސައީދާއި އަލީ ހަމީދު ޖަލައްލާފައިވަނީ، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.
ނަޝީދު ވިދާޅުވީ، ސަރުކާރުގެ ވައުދުތައް ފުއްދަން ގިނަ ކަންތައް ކުރަން ޖެހޭ ކަމަށެވެ. ރާއްޖެއަށް ހެޔޮއެދޭނަމަ، އާބާދީ ބޮޑެތި އަތޮޅު ތަކާއި ރައްތައް ބާކީކޮށްފައި ބަހައްޓަންޖެހޭ އެއްވެސް އުސޫލެއް ނުހޯދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.