26 Sep 2011, 13:49
އާސެނަލް އިން މިދިޔަ ސީޒަނަށް ފަހު، ސެކް ފެބްރިގާސް އާއި ސާމިރް ނަސްރީ ކުލަބު ދޫކޮށް ދިޔަ ގޮތަށް ކެޕްޓަން ރޮބިން ވެން ޕާސީ ނުދާނެކަމުގެ ޔަގީން އޮތްކަމަށް އެޓީމުގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޮލްޓަންގެ މައްޗަށް 3-0 ލަނޑުން މޮޅުވި މެޗުގައި އާސެނަލް އަށް ވެން ޕާސީ ވަނީ ދެލަނޑު ކާމިޔާބު ކޮށްދީ ކުލަބަށް ކާމިޔާބު ކޮށްދިން 100 ވަނަ ގޯލު ޖަހައިދީފައެވެ. ވެންގާގެ ވާހަކަ ތަކުން ވެން ޕާސީ ހުރީ އާސެނަލް ދޫކޮށް ދާގޮތަކަށް ނޫނެވެ.
"ނަސްރީ އަދި ފެބްރިގާސް ދިޔަ ތަން ބަލަން ތިއިން މީހަކު ވެން ޕާސީގެ މަގާމުގައި ހުރިނަމަ ހަމަ ކަންބޮޑުވާނެ. ވެން ޕާސީ ކުލަބު ދޫކޮށެއް ނުދާނެ. އޭނާ އަކީ މޮޅު ކުޅުންތެރިއެއްކަން ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ." ވެންގާ ބުންޏެވެ.
އާސެނަލްގެ ކުރީގެ ކެޕްޓަން ފެބްރިގާސް އެނބުރި ބާސެލޯނާ އާއި ގުޅުމުން ވެންގާ ވަނީ ކެޕްޓަން ބޭންޑް ވެން ޕާސީ އާއި ހަވާލުކޮށްފައެވެ. ވެން ޕާސީ ކެޕްޓަން ކަން އަދާކޮށްފައިވާ ފުރިހަމަ ކަމާއި މެދު ވެންގާ ވަނީ ތަޢުރީފު ކޮށްފައެވެ.
"މިހާރު ވެން ޕާސީ އަކީ ޓީމު ގެންގުޅެވޭނެ ފަދަ ލީޑަރެއް. އޭނާ އެކަން މިސީޒަނުގައި އެދަނީ ދައްކަމުން. އޭނާ އެހެން މީހުންގެ އިރުޝާދުތައް އަޑު އަހާ ޓީމަށް ވެސް އިރުޝާދުދީ ކުޅުން ދުވަހެއް ދުވަހަކަށް ވުރެ ރަނގަޅު ކުރަމުންދޭ." ވެންގާ ބުންޏެވެ.
ހޮލެންޑުގެ ގައުމީ ޓީމަށް ވެސް ކުޅެމުންދާ ވެން ޕާސީ އަކީ އެގައުމުގެ ފެޔަނޫޑް ކުލަބުން 2004 ވަނަ އަހަރު 2.75 މިލިޔަން ޕައުންޑަށް އާސެނަލް އަށް ބަދަލުވި ކުޅުންތެރިއެކެވެ. ވެން ޕާސީ ގެ ކެޕްޓަން ކަމުގެ ދަށުގައި ދެން އާސެނަލް ޓީމު ފެނިގެންދާނީ ޗެމްޕިއަންސް ލީގުގެ މެޗަކުންނެވެ. އަންނަ ބުދަ ދުވަހުގެރޭ 11:45 ގައި އޮލިމްޕިއާކޯސް އާއި ދެކޮޅަށް އާސެނަލް ނުކުންނައިރު، މިމެޗު ކުޅޭނީ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ.