07 Nov 2018, 16:06
އިންޑިއާ ކަނޑުގެ މަސްލަހަތު ގުޅިފައިވަނީ އައްޑޫ ސިޓީއަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫގައި ދެއްކެވި ވާހަކަފުޅަކީ ނުރައްކާތެރި ސިގްނަލެއް ކަމަށް މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
އައްޑުއަށް ކުރެއްވި ދަތުރު ފުޅުގައި އައްޑޭ ރައްޔިތުންނާ އިއްޔެ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން ވަނީ އިންޑިއާ ކަނޑުގެ މަސްލަހަތާ ވެސް ގުޅިފައި ކަމަށެވެ. އަދި އެ ސިޓީން އިންޑިއާ ކަނޑުގެ މަސްލަހަތު ހޯދުމަކީ އޭނާ އުންމީދު ކުރައްވާ ގޮތް ކަމަށް ވިދާޅުވި އެވެ.
އެވާހަކައާ ގުޅުވައި ހަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ މަސްލަހަތާއި އައްޑޫ މާބޮޑަށް ގުޅިފައިވާ ކަމަށް ނަޝީދު ވިދާޅުވުމަކީ ނުރައްކާތެރި ސިގްނަލެއް ކަމަށެވެ.
"މިއީ ވަރަށް ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ވާހަކައެއް. ކޮން މަގުސަދެއް ހާސިލު ކުރަން ދެއްކި ވާހަކައެއްތޯ ދައުލަތުން ތަހުގީގު ކުރަން ޖެހޭ." ޙަލީލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ނަޝީދުގެ ނުފޫޒު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ބޮޑުވެފައިވާ ކަން ފެނިގެންދާނެ ކަމަށެވެ. ނަޝީދު ހާމަ ކުރައްވަމުން ގެންދަވަނީ އިބޫގެ ސަރުކާރުގެ ސިޔާސަތުތައްތޯ އިބޫ ސާފުކޮށްދެއްވަން ޖެހިވަޑައިގަންވާ ކަމަށް ހަލީލް ވިދާޅުވި އެވެ.
އިއްޔެ އައްޑޫ ސިޓީގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގައި ފިނި ހަނގުރާމައެއް އުފެދެމުން އެބާދާ ކަމަށެވެ. އަދި އައްޑޫ ރައްޔިތުންނަށް މިކަން ސާފުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވާހަކަފުޅު އަލި އަޅުވާލީ އިންޑިއާ އަދި ޗައިނާ ދެގައުމުގެ ދެމެދުގައި އޮތް ވާދަވެރި ކަމުގެ މައްޗަށެވެ. މިދިޔަ ފަސް އަހަރު ޗައިނާ އާއި ރާއްޖޭން ގާތް ގުޅުމެއް ބޭއްވުމުން އިންޑިއާ އިން ރާއްޖެއާ މެދު އޮތީ ނުރުހިފަ އެވެ.
"އިންޑިއާ އާއި ޗައިނާގެ ނުރުހުންތައް އެ ދެބައި މީހުންގެ އުދާސްތައް އެންމެ ފަހުން ހަމަ ޖެހުމަކަށް ގެންނާނެ ތަނަކީ ވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި މި އައްޑު އަތޮޅު." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އައްޑޫ ސިޓީއާ ގުޅޭ ގޮތުން އެ ސިޓީއާ މެދު ވިސްނަނީ ހަމަ އެކަނި ރާއްޖޭގެ ރައްޔިތުން ނޫން ކަމަށެވެ. އައްޑުއާ ގުޅޭ ގޮތުން އެ ސިޓީގެ ކަންކަން ދުނިޔޭގެ ކަންކޮޅުތަކުން އެތައް ބައެއް އޮޅުން ފިލުވަމުން ގެންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޒަމާނުއްސުރެ ފަށައިގެން ދިވެހިރާއްޖޭގެ އެކުވެރިންނަކީ އިންޑިއާ. އިންޑިއާގެ ހަމަޖެހުމާއި އިންޑިއާގެ ސަލާމަތާއި ރައްކާތެރި ކަމަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމާއި ގުޅިފައި ހުރި ކަމެއް. އައްޑޫ ސިޓީ އާއި މި ސިޓީގެ ރައްޔިތުން އަބަދު ވެސް ވިސްނަވާން ޖެހޭނެ. އަބަދު ވެސް ބައްލަވާނެ ޖެހޭނެ ތިޔަ ބޭފުޅުންނަކީ ހަމައެކަނިި ދިވެހިރާއްޖޭގެ މަސްލަހަތާ ގުޅިފައިވާ ބައެއް ނޫން." ނަޝީދު ވިދާޅުވި އެވެ.