ހުޅުމާލޭގައި ހިންގާ ކުޑަކުދިންގެ މަރުކަޒު ފިޔަވަތީިގައި ސެންސަރީ ރޫމްއެއް ގާއިމްކޮށްފިއެވެ.

މިއަދު އެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުވައިދެއްވީ ޔުނިސެފްއިން ރާއްޖޭއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މުނީރު ސަފީލްދީނެވެ.

އެ ސެންސަރީ ރޫމްގައި ތެރެޕިއުޓިކް ހަރަކާތްތައް ކުރިއަށް ގެންދެވޭ ގޮތަށް، ހިއްސުތައް (މިސާލަކަށް ފެނުމާއި އަޑުއެހުމު)ގެ ހުނަރުތައް ތަރައްގީ ކުރުމަށް ކުޅޭތަކެއްޗާއި، ސެންސަރީ ޓެކްސްޓައިލް މެޓްތަކާއި، ތަފާތު ކުލަތަކާއި، އެކި ޓެކްސްޗާގެ ތަކެތި ބޭނުންކުރުމުގެ އިތުރުން ތަފާތު ރާގު ނުވަތަ އަޑުތައް އިވޭނެގޮތަށް އެކި ވަސީލަތްތައް ވަނީ ގާއިމްކޮށްފައެވެ.

ހުޅުމާލޭގައި ކުޑަކުދިން ބަލަހައްޓާ މަރުކަޒުގައި ސެންސަރީ ރޫމް ހޫޅުވުމަށް ބޭއްވި ރަސްމިއްޔަތުގެ ތެރެއިން --- ފޮޓޯ: ޖެންޑާ މިނިސްޓްރީ

އެ ހިދުމަތްތައް ގާއިމްކޮށްފައިވަނީ ޒާލީނާ ސްޓޫޑިއޯގެ އެހީތެރިކަމާއެކީގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ އެ ސެންޓަރު ގާއިމްކޮށްފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި، ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާކުދިންގެ އިތުރުން ހެދި ބޮޑުވުމުގެ މަރުހަލާތަކުގައި ލަސްތަކެއް އުޅޭކަމަށް ފާހަނގަކުރެވޭ ކުދިންނަށް ކަމަށެވެ.

ފިޔަވަތީގައި ދިރިއުޅޭ ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު ސްޕެޝަލް ނީޑްސް ކޮންސަލްޓެއް މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.