07 Nov 2018, 16:00
ގުޅީ ފަޅުގައި ގާއިމް ކުރި ފްލެޓްތަކަށް ފައިސާ ދެއްކި ފަރާތްތަކާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކިގެން ފްލެޓް ނުލިބުނު ފަރާތްތަކަށް ބަދަލުގައި ދޭ 300 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްއާންމުކޮށްފި އެވެ.
ގުޅިފަޅުން ފްލެޓް ގަނެފައިވާ ފަރާތްތަކާއި ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން، ގާކޮށި އަދި ޢަރަބިއްޔާއިން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރެއިން ފްލެޓަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް "ހިޔާ" މަޝްރޫޢުގެ ދަށުން ދޫކުރާ ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާންކޮށް މިއަދު ވަނީ ގެޒެޓް ވެސްކޮށްފަ އެވެ.
ގުޅިފަޅު އާބާދުކުރުމަށް ހިންގާ ޕްރޮޖެކްޓް މަޑުޖައްސާލުމަށް އެ މަޝްރޫއު ހިންގާ ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް (ޖީއައިއެލް) އަށް ރައީސް އޮފީހުން އެންގީ 2014 ވަނަ އަހަރު އެވެ.
އެ މަޝްރޫއު މަޑުޖައްސާލުމަށް ސަރުކާރުން އެންގީ ގުޅިފަޅުގައި މީހުން އާބާދުކުރުމުގެ މަސައްކަތް ގުޅިފަޅު އިންވެސްޓް ލިމިޓެޑުން ކުރަމުންދާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އިކޮނޮމިކް ކައުންސިލުން ބެލި ބެލުމުގައި ގުޅިފަޅުގައި މީހުން އާބާދުކުރުމަށް ގުޅިފަޅުގައި ހަދާފައިވާ އިމާރާތްތައް ހެދުމަށް ހުއްދަ ނުނަގާ ކަމާއި، ގުޅިފަޅަކީ ސިއްހީގޮތުންނާއި ޖިއޮލޮޖިކަލް ގޮތުން ބަލާއިރު މީހުން ދިރިއުޅުމަށް އެންމެ ކަމުދާ ތަނެއް ނޫން ކަމަށް އެ ކައުންސިލަށް ލަފާ ލިބިފައިވާތީ ކަމަށް ބުނެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގުޅިފަޅު ތަރައްގީކުރުމުގެ މަސައްކަތް ޖީޕީޑީއާ ހަވާލުކޮށްފައި ވަނީ 2010 ވަނަ އަހަރުގެ މާޗު މަހު، ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ލިމިޓެޑާ އެކު ކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.