ރާއްޖެ އިން ޗައިނާއަށް ދަރާފައިވާ މިންވަރު ތިން ބިލިއަން ޑޮލަރު (46.26 ބިލިއަން ރުފިޔާ) އާ ގާތް ކުރާ ކަމަށް އެމެރިކާގެ ލޮސް އެންޖެލިސް ޓައިމްސް އިން ރިޕޯޓުކޮށްފި އެވެ.

އެނޫހުގައިވާ ގޮތުން، މީގެ ކުރިން ލަފާކޮށްފައިވާ ގޮތުގައި ރާއްޖެ އިން ޗައިނާއަށް ދަރާފައި ވަނީ 1.5 ބިލިއަން ޑޮލަރެވެ. ނަމަވެސް އެ ދަރަނި ތިން ބިލިއަން ޑޮލަރާ ގާތް ކުރާކަން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް އެނގިވަޑައިގަތީ ޗައިނާގެ ސަފީރާ ބައްދަލު ކުރެއްވުމުންނެވެ.

އަދި އެއީ ދެ އަހަރުގެ ތެރޭގައި ރާއްޖެ އަށް ލިބޭނެ އާމްދަނީއާ ނުބައްދަލު އަދަދެއް ކަމަށް ވެސް އެ ނޫހުގައިވެ އެވެ. އަދި އެއީ ކުރިން ލަފާކުރި ވަރަށް ވުރެ ވަރަށް ބޮޑުތަން އިތުރު އަދަދެއް ކަމަށް ވެސް އެމްޑީޕީގެ ރަސްމީ ފަރާތްތަކާ ހަވާލާދީ އެ ނޫހުން ބުންޏެވެ.

އަދި އެ ދަރަނީގެ ތަފްސީލު އެނގިގެން ދާނީ މިމަހުގެ 17ގައި އިބޫ ވެރިކަމަށް ވަޑައިގެންނެވުމުން ކަމަށް އެލްއޭ ޓައިމްސްގައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 22 ބިލިއަން ރުފިޔާ އެވެ.

އެ ނޫހުގައި އިތުރަށް ބުނީ ރާއްޖެ އިން ޗައިނާއަށް ނުއަގުގުގައި ރަށްތަކެއް ކުއްޔަށްދީފައިވާ ކަމަށާއި އޭގައި ކޮރަޕްޝަން ހިމެނޭތޯ ތަހުގީގު ކުރާނެ ކަމަށް އިބޫ ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އަދި ޗައިނާގެ ކުންފުނިތަކަށް ރިސޯޓް ހެދުމަށް ދިން ރަށްތަކުގެ އަދަދު ހަތަކަށް އަރާ ކަމަށާއި އޭގެ ތެރެއިން މާލެ ކައިރީ ރަށެއް 50 އަހަރަށް ކުއްޔަށް ދިނީ ހަތަރު މިލިއަން ޑޮލަރަށް ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.

މާލެ ކައިރިން ޗައިނާގެ ކުންފުންޏަކަށް ރިސޯޓް ހެދުމަށް ދިނީ މާލެ އަތޮޅު ފޭދޫ ފިނޮޅެވެ.

ޗައިނާއިން ދަނީ ރާއްޖޭގައި ބިޔަ އިގްތިސާދީ މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެއާޕޯޓް ތަރައްގީ ކުރުމާއި ބޯހިޔާވަހިކަމުގެ "ހިޔާ" މަޝްރޫއުގެ 7000 ޔުނިޓް ހިމެނެ އެވެ. އޭގެ އިތުރުން ދާދި ފަހުން ހުޅުވި ސިނަމާލެ ބްރިޖަކީ ވެސް ޗައިނާގެ ލޯނާއި ހިލޭ އެހީގެ ދަށުން ބިނާކުރި ބުރިޖެކެވެ.

ޗައިނާ އިން ދަނީ ރާއްޖެ 'ދަރަނި ދަންތުރައެއްގައި' ޖައްސަމުން ކަމަށް ބުނާ ތުހުމަތުތައް އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް ވަނީ މީގެ ކުރިން ދޮގު ކުރައްވައިފަ އެވެ.