07 Nov 2018, 14:15
ބޮޑު ހަރަދެއް ކޮށްގެން ހުޅުމާލޭގައި ގާއިމްކުރި ޓްރީޓޮޕް ހޮސްޕިޓަލް ހިންގާ ބޭރުގެ ކުންފުނިން އެތަން ދޫކޮށްލައިފި އެވެ.
މަޝްހޫރު ވިޔަފާރި ކުންފުނި ޗަންމްޕާ ކްރައުންސްގެ ވެސް ހިއްސާ އޮންނަ ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގުން ހަވާލު ކުރީ އޮސްޓްރޭލިއާގެ ރަމްސޭ ގުރޫޕާއި މެލޭޝިއާގެ ސައިމް ޑާބީއާ އެވެ.
ނަމަވެސް އެ ހޮސްޕިޓަލުގެ ހިންގުން އެ ދެ ކުންފުނިން ވެސް މިހާރު ދޫކޮށްލާފައިވާ ކަން ވަނީ އެނގިފަ އެވެ. ދެ ކުންފުނީގެ ނަން ބޯޑެއް ހޮސްޕިޓަލުގެ ބޭރުގައި ކުރިން ޖަހާފައި އިން ނަމަވެސް މިހާރު ނަން ބޯޑު ވެސް ވަނީ ނަގައިފަ އެވެ.
އެކަމާ ގުޅިގެން ހޮސްޕިޓަލުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ގިނަ ޑިޕާޓްމެންޓްތަކަކާ އެއްކޮށް ހިންގަން ފެށި ޓްރީޓޮޕް ހޮސްޕިޓަލު ގެއްލުމުގައި ހިންގަން ޖެހުމުން ވަރަށް ފަހުން ބައެއް ޑިޕާޓްމެންޓްތަކުން ހިދުމަތް ދިނުން ހުއްޓާލައިފަ އެވެ.
އެ ހޮސްޕިޓަލުން ދެމުން އައި ހިދުމަތްތަކަށް ފަހުން ވަނީ އާސަންދައިގެ ހިދުމަތް ވެސް ވަނީ ދޭން ފަށައިފަ އެވެ.
ސަތޭކަ ދިހަ މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓަކުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލްގައި އެންމެ ޒަމާނީ އިކުއިޕްމެންޓާއި ހިދުމަތްތަކާ އެކު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަސް ކެޓަގަރީއެއްގެ ރޫމާއި 210 އެނދު ހުރެ އެވެ. މީގެ އިތުރުން ދެ ޕްރެޒިޑެންޝަލް ސުއިޓާއި، އެކި ކަހަލަ ބަލިތަކަށް ފަރުވާދޭނެ ކްލިނިކްތައް، ޓެސްޓުތަކާއި ސްކޭންތައް ހެދޭނެ އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު ވަނީ ގާއިމްކޮށްފަ އެވެ.