07 Nov 2018, 13:42
ރާއްޖެ އެތެރެކޮށްގެން ބޭނުން ކުރަމުން ދިޔަ ޔޮޓެއް ޑިއުޓީ ނުދައްކާ ގެންގުޅުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އިން ބަލަން ފަށައިފި އެވެ.
ޑިއުޓީ ނުދައްކާ ޔޮޓެއް ރާއްޖެ އެތެރެކޮށްގެން ގެންގުޅު މައްސަލަ ބަލަމުންދާ ކަން އޭސީސީން ޔަގީންކޮށްދެ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުލިބެ އެވެ.
އެނގިފައިވާ ގޮތުން އެ ޔޮޓަކީ އަލްފާ ކިނަމް މޯލްޑިވްސް ޕްރައުވެޓް ލިމިޓެޑުގެ ނަމުގައި ރާއްޖެ އެތެރެކޮށްގެން ބޭނުން ކުރަމުން ދިޔަ ޔޮޓެކެވެ. އަލްފާ ކިނަމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޅިޔަނު އަދި ދާދިފަ ފަހުން ނިޔާވި މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) ގެ ކުންފުންޏެކެވެ.
އެ ކުންފުނިން އެދިގެން ކަސްޓަމްސް އިން ވަނީ އެ ޔޮޓް ހުޅުމާލޭ ފަޅުގައި އަޅާފައި ބާއްވަން ހުއްދަ ދީފަ އެވެ.
އަލްފާ ކިނަމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ ޓުއަރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން ދާ ކުންފުންޏެކެވެ.