07 Nov 2018, 13:38
ރާއްޖެ އިން ގެެއްލިފައިވާ ފައިސާތައް ހޯދުމަށް އެފްބީއައިގެ އެހީ ހޯދުމަށް ވިސްނަމުންދާ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބު) ވިދާޅުވެއްޖެ އެވެ.
ލޮސްއެންޖަލިސް ޓައިމްސްއަށް އިބޫ އިއްޔެ ދެއްވި އިއްޓަވިއުއްގައި ވިދާޅުވީ ކޮރަޕްޝަނުގެ މައްސަލަތަކުގައި ރާއްޖެ އިން ގެއްލިފައވާ ފައިސާތަކާއި އަދި ޗައިނާ ސަރުކާރުން ރާއްޖޭގައި ހިންގަމުންދާ ބޮޑެތި މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކުގެ ތަފްސީލް ހޯދުމަށް އެފްބީއައިގެ އެހީ ހޯދުމަށް ވިސްނަމުންދާ ކަމަށެވެ. އަދި އެކަމުގައި އެހީތެރިވާނެ ކަމަށް އެމެރިކާގެ ސީނިއާ ސްޓޭޓް ޑިޕާޓްމަންޓްގެ އިސް ވެރިއަކު ވިދާޅުވެފައިވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރާ އިބޫ ބައްދަލުކުރެއްވި ކަމަށާއި އަދި ރާއްޖެ އިން ޗައިނާއަށް ދަރާފައިވާ ދަރަނީގެ އަދަދު ތިން ބިލިއަން ޑޮލަރަށް އަރާފައިވާކަން އެނގިގެން ދިޔަ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
ރާއްޖެއިން ޗައިނާއަށް ދަރާފައިވާ ދަރަނީގެ އަދަދު އުޅެނީ 1.5 ބިލިއަން ޑޮލަރު ކަމަށް ކުރިން ވަނީ އަންދާޒާކޮށްފަ އެވެ.
އެ ނޫހުގައި އިތުރަށް ބުނީ ރާއްޖެ އިން ޗައިނާއަށް ނުއަގުގުގައި ރައްތަކެއް ވިއްކާފައިވާ ކަމަށާއި އަދި އޭގައި ކޮރަޕްޝަން ހިމެނޭތޯ ވެސް ތަހުގީގު ކުރާނެ ކަމަށް ވެސް އިބޫ ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.
އެ ނޫހުގައި ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމްއާ ހަވާލާދީ ބުނީ ރާއްޖެއިން ޗައިނާއަށް ދަރާފައިވާ ދަރަނި ވަރަށް ބޮޑު ކަމަށާއި އަދި ތަރައްގީގެ މަޝްރޫއުތައް އަލުން "ނެގޯޝިއޭޓް" ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމުގައި ޗައިނާގެ އެހީ ބޭނުންވާ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.
ޗައިނާއިން ރާއްޖޭގައި ދަނީ ބިޔަ އިގްތިސާދީ މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެއާޕޯޓް ތަރައްގީ ކުރުމާއި ބޯހިޔާވަހިކަމުގެ "ހިޔާ" މަޝްރޫއު ވެސް ހިމެެނެ އެވެ. އޭގެ އިތުރުން ދާދި ފަހުން ހުޅުވި ބްރިޖަކީ ވެސް ޗައިނާގެ ލޯނާއި ހިލޭ އެހީގެ ދަށުން ބިނާކުރި ބުރިޖެކެވެ.