މި އަހަރު ބާއްވަން ނިންމާފައިވާ ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސް ނުބާއްވާ ގޮތަށް ނިންމައިފި އެވެ.

ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) ހިންގުމާ ހަވާލުވެހުންނެވި ފާރިޝް ވިދާޅުވީ، މިފަހަރުގެ އެވޯޑް ނުބާއްވަން ނިންމި މައިގަނޑު ސަބަބަކީ އެވޯޑުގައި ބައިވެރިކުރި ފިލްމުތައް މަދުވުން ކަމަށެވެ.

"އަސްލު މިއީ ނޭޝަނަލް ފެންވަރުގެ އެވޯޑެއް. އުސޫލުގައި އިންނަނީ 13 ނޫނީ 14 ފިލްމު ބައިވެރިކުރުން. އެކަމަކު މިއަހަރު އެވޯޑުގައި ބައިވެރިކުރީ މިދިޔަ އަހަރުގެ އަށް ފިލްމުގެ ތެރެއިން ހަތް ފިލްމު،"

ފީޗާ ފިލްމުތައް އެވޯޑުގައި ބައިވެރިކުރި ނަމަވެސް އެއްވެސް ކުރު ފިލްމެއް ބައިވެރިކޮށްފައިނުވާ ކަން ވެސް ފާރިޝްގެ ވާހަކާގައި ފާހަގަކޮށްފައިވެ އެވެ.

2017 ވަނަ އަހަރު ރިލީޒްވި ފިލްމުތައް ----

ފާރިޝް ވިދާޅުވީ، މިދިޔަ އަހަރާއި މި އަހަރުގެ ފިލްމުތައް އެއްކޮށްލައިގެން އަންނަ އަހަރު ފިލްމު އެވޯޑު ބާއްވާނެ ކަމަށެވެ.

މިދިޔަ އަހަރު ނިމުނު އިރު ސިނަމާއަށް އަށް ފިލްމެއް އައިސްފައިވެ އެވެ. އެއީ މަލިކާ، ވިޝްކާ، ބޮސް، ހައްދު، ނޭދެން ވަކިވާކަށް، މީ ލޯތްބަކީ، ނޯޓީ 40 އަދި އިލް ނޮއިސް އެވެ.

އަދި މިއަހަރު ސިނަމާއަށް ގިނަ ފިލްމުތަކެއް ގެންނަން ނިންމާފައި ވިޔަސް ސިނަމާއަށް އައިސްފައި ވަނީ ހަތަރު ފިލްމެވެ. އެއީ "ދެވަންސޫރަ"، "ވަކިން ލޯބިން"، "ތިޔަ ލޯތްބާ ދުރަށް" އަދި "ރޭވުމުން" އެވެ.

އަށް ވަނަ ދިވެހި ފިލްމު އެވޯޑްސް: އޮލިމްޕަހުގައި ބޭއްވި މި ރަސްމިއްޔާތުުގައި އެވޯޑް ދީފައިވަނީ 2014 އިން 2016 އާ ދެމެދު ރިލީޒްކޮށްފައިވާ ފިލްމުތަކަށެ، އަދި ފިލްމީ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ހާސިލްކުރެއްވީ މުސްތަފާ ހުސައިން އަދި އަސްލަމް ރަޝީދެވެ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ އަހަރު ބޭއްވި އަށް ވަނަ ފިލްމު އެވޯޑް ހަފްލާގައި އެންމެ މޮޅު ފީޗާ ފިލްމަކަށް ހޮވިފައި ވަނީ ޑާކްރެއިން އެންޓަޓެއިންމަންޓްގެ "ވާށޭ މަށާ އެކީ" އެވެ. އެންމެ މޮޅު ކުރު ފިލްމަކަށް ހޮވިފައިވަނީ ވެސް ޑާކްރެއިން އެންޓަޓެއިންމެންޓްގެ ކުރު ފިލްމު ވޫޑޫ އެވެ.

ނުވަ ވަނަ ފިލްމު އެވޯޑު ނުބާއްވަން ނިންމި ނިންމުން ވާނީ އެވޯޑަށް އިންތިޒާރުކުރި ގިނަ ބަޔަކަށް ލިބޭނެ ހިތާމަވެރި ޚަބަރަކަށެވެ.