ދުވަހެއް ދުވަހަކަށް ކަނޑުތަކުން މިޔަރު މަދުވަމުން ދާތީ މިޔަރު ހިފުން ހުއްޓުވައި މިޔަރު އާލާ ކުރުމަށް ހިއްވަރުދޭ އެއްބަސްވުމެއްގައި އިން ސޮއިކޮށްފި އެވެ.

ނިޔޯކްގައި މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސޮއި ކުރެއްވި އެއްބަސްވުމުގައި ރާއްޖޭގެ އިތުރުން ސޮއިކޮށްފައި ވަނީ ބަހަމާސް އާއި ކޮލަމްބި އާއި ހޮންޑިއުރާސް އާއި މާޝަލް އައިލެންޑްސް އާއި މެކްސިކޯ އަދި ޕުލާއުގެ އިތުރުން މައިކްރޮނީޒިއާ އެވެ.

ގަރާރުގައި އެއްބަސްވި ކަންތައްތަކުގެ ތެރޭގައި މިޔަރު އާލަކޮށް ދިރުވުމުގެ މަސައްކަތް ކުރުމާއި އެއްގައުމު އަނެއް ގައުމާ ގުޅިގެން މިޔަރު ހިމާޔަތްކޮށް މިޔަރުގެ އާބާދީ އިތުރު ކުރުމަށް މަސައްކަތް ކުރުމާއި ސައިންސުގެ އަލީގައި މިޔަރު ހިމާޔަތް ކުރުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރުން ހިމެނެ އެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން އަށް މިލިއަން އަކަ ކިލޯ މީޓަރުގެ ސަރަހައްދެއްގައި މިޔަރުގެ މަސްވެރިކަން ކުރުން ވަނީ މަނާކޮށްފަ އެވެ.

ގަރާރުގައި ސޮއި ކުރި ގައުމުތަކުން ބުނި ގޮތުގައި މިޔަރުގެ މަސްވެރިކަން ކުރުމަށް ވުރެ، ޓޫރިސްޓުންނަށް މިޔަރު ދައްކައިގެން ވިޔަފާރީގެ ގޮތުގައި ލިބޭ ފައިދާ މާ ބޮޑެވެ.

އެ ގައުމުތަކުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އަހަރެއްގެ މައްޗަށް 73 މިލިއަން މިޔަރު ހިފާކަމަށް ރެކޯޑްތަކުން ދައްކަ އެވެ. އަދި އޭގެ ތެރެ އިން 30 ޕަސެންޓަކީ މިހާރު ވެސް ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ މިޔަރުގެ ވައްތަރުތައް ކަމަށް ވެސް އެ ދިރާސާގައިވެ އެވެ.

"މިޔަރު އާލާވުމަށް ހުންނަ ތަންތަނުގެ ސަބަބުން އަހަރުމެންގެ ކަނޑުތަކުގެ ވެއްޓަށާއި އިކޮނޮމީ އަށް ވަރަށް އެހީތެރިވޭ. އެހެން ނަމަވެސް މިޔަރަކީ އަހަރުމެންގެ ކަނޑުގެ ސަރަހައްދު ނޫން އެހެން ސަރަހައްދުތަކަށް ހިޖުރަ ކުރާ އެއްޗެއް. ވީމާ އަހަރުމެން އެއްމެން އެކައްޗެއް ކިޔައިގެން ކަނޑުތަކުގެ ދިރުން ދެމެހެއްޓުމަށް މިޔަރު ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް،" ހޮންޑިއުރާސްގެ ރައީސް ލޮބޯ ސޯސާ ވިދާޅުވެފައިވެ އެވެ.