07 Nov 2018, 13:27
އެންމެ ފުރަތަމަ ރަޖިސްޓްރީ ވާ ތިން ފަރާތަށް ހުށައެޅޭ ހާއްސަ އިނާމަކާއި އެކު، ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު އިން "ސްޓައިލް ވިތު މައިކް"ގެ ނަމުގައި އިންތިޒާމް ކުރާ ސެލްފް ގްރޫމިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރަފީ އެންޖީއޯ އިން ބުނީ އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ކޯހަކީި ތަފާތު މޭކަޕްތައް ކުރާނެ ގޮތްތަކާއި، މުނާސަބާތަކާ ގުޅޭ ގޮތަށް އިސްތަށިގަނޑު ސްޓައިލްކުރާނެ ގޮތްތަކުގެ އިތުރުން ދިރިއުޅުމުގައި ރީތިވުމަށް ބޭނުން ކުރެވޭނެ ބިއުޓީ ޓިޕްސް ކިޔާދޭނެ ކޯހެއް ކަމަށެވެ.
އަދި ޒުވާންކޮށް ރީތިކޮށް އަބަދު ވެސް ހުންނާނެ ގޮތާއި، މީހާގެ އުމުރަށް ވުރެ ރީތިކޮށް ހަންގަނޑު ބަހައްޓާނެ ގޮތުގެ އެކި އުކުޅުތައް މި ކޯހުގެ ޒަރިއްޔާއިން ދަސްވެގެންދާނެ ކަމަށް ވެސް ރަފީއިން ބުނެ އެވެ.
ރަފީއިން ބުނީ އިވެންޓްގެ މަގުސަދަކީ ދިވެހި ޒުވާނުންނަކީ އެމީހުންގެ އަމިއްލަ ނަފްސަށް ލޯބިކޮށް އިތުބާރުކުރާ އަދި ގާބިލް ބައެއްގެ ގޮތުގައި ދެމިތިބުމަށް ރީތިކޮށް ހުރުމުގެ މުހިންމުކަން އަންގައިދިނުން ކަމަށެވެ.
މި މަހުގެ 10 ވަނަ ދުވަހު ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު ކޯހުގައި ކިޔަވާދޭނީ ކުރު މުއްދަތެއްގެ ތެރޭގައި އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ސްޓައިލިސްޓް މައިކް އާއި ފަންނުވެރިކަމުގެ ދާއިރާއިން ގައުމީ އެވޯޑު ހާސިލްކޮށްފައިވާ ލުބްނާ ޒާހިރު ހުސައިން އެވެ.
ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 9997239 އަށް ގުޅުއްވާ ނަން ނޯޓުކުރުމަށް ރަފީއިން އެދެއެވެ. ރަފީއިން ބުނީ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.
ކޯހުގައި ބޭނުންކުރާނެ ސާމާނެއް ސްޕޮންސާ ކޮށްދީފައިވަނީ ހެއާ ކެއާ އަދި ސްކިން ޕްރޮޑަކްޓްސް ވިއްކާ ލިންޗްޕިން ފިހާރައިންނެވެ.