07 Nov 2018, 10:24
ހާލުގައި ޖެހިފައިވާ އެސްޓިއޯގެ "ބޮންތި 2" ކާގޯ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގެ ޑައިވަރުން އެ ބޯޓަށް ފޮނުވައިފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ އިބްރާހިމް އާޒިމް ވިދާޅުވީ ބޮންތި 2 ބޯޓު ހާލުގައި ޖެހުނީ އެ ބޯޓު އިންޑިއާއިން އަންނަނިކޮށް، ހދ. ކުޅުދުއްފުއްޓާ 188 މޭލު ބޭރުން، އެ ބޯޓުގެ ބުރަފަތީގައި ވާގަނޑެއް އޮޅި ބޯޓު ހުއްޓުމުން ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބުނީ އިއްޔެ 14:10 ގައި ކަމަށާއި ރޭ 22:18 ގައި އެމްއެންޑީއެފްގެ ޑައިވަރުން ބޯޓު އޮތް ސަރަހައްދަށް ފޮނުވާފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އަދި މިއަދު ހެނދުނު 9:10 ގައި ބޯޓު އޮތް ސަރަހައްދަށް ޑައިވަރުންނަށް ދެވިފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. މިހާރު ޑައިވަރުން ދަނީ ބޯޓަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޑައިވަރުން ބޯޓު އޮތް ސަރަހައްދަށް ފޮނުވީ ބޯޓުގެ ވެރިފަރާތުން ހަމަޖެއްސި އެމްޓީސީސީގެ ލޯންޗެއްގަ އެވެ.