26 Sep 2011, 12:56
"ވޯލްޑް ޓްރެވަލް އެވޯޑްސް2011" ގައި ޝަރަފްވެރި ނުވަ ޓްރޮފީއެއް ރާއްޖެ އަށް ލިބިއްޖެ އެވެ.
މިއަހަރު އެ މުބާރާތުގެ އިންޑިއަން އޯޝަން ކެޓަގަރީން އެންމެ ގިނަ ވަނަ ލިބުނު ގައުމަކީ ވެސް ދިވެހިރާއްޖެ އެވެ.
މި މުބާރާތުގައި 22 އެވޯޑަކަށް ރާއްޖޭގެ އިތުރުން ސީޝަލްސް އާއި މޮރިޝަސް އާއި ލަރިޔޫނިއަން އަދި މަޑަގަސްކަރައިން ވާދަކުރި އެވެ.
އެ ގައުމުތަކާ ވާދަކޮށްގެން އިންޑިޔާ ކަނޑުގެ އެއްވަނަ ރިސޯޓަކަށް ކުރުނބާ މޯލްޑިވްސް ހޮވުނު އިރު އެއްވަނަ ޓްރެވަލް އެޖެންސީއަކަށް ހޮވުނީ ވާމިލަން އިންޓަނޭޝަނަލް މޯލްޑިވްސް އެވެ. އަދި އެއްވަނަ ލައިފް ސްޓައިލް ރިސޯޓަކަށް ހޮވުނީ ޑަބްލިޔު ރިސޯޓެވެ.
މީގެ އިތުރުން ވެސް ރާއްޖޭގެ ގިނަ ރިސޯޓުތަކަކަށް ވަނީ ތަފާތު ކެޓަގަރީތަކުން އެހެން އެވޯޑުތައް ލިބިފައިވެ އެވެ. އަދި ބައެއް ރިސޯޓުތަކުން ވަނީ މިދިޔަ އަހަރުވެސް އެ ރިސޯޓުތަކަށް ވަނަ ލިބުނު ކެޓަގަރީތަކުގެ ވަނަތައް މިއަހަރު ވެސް ދިފާއު ކޮށްފަ އެވެ.
ދުނިޔޭގެ ޓޫރިޒަމް އިންޑަސްޓްރީން 1993 އަހަރު ތަޢާރަފް ކުރި ވޯލްޑް ޓްރެވަލް އެވޯޑްސް ގައި މިއަހަރު ރާއްޖެ ވަނީ އެންމެ ރަނގަޅު ކްރޫސް ޑެސްޓިނޭޝަން އެވޯޑާއި ހަނީމޫން ޑެސްޓިނޭޝަން އެވޯޑް ވެސް ހޯދާފަ އެވެ. މިއީ ރާއްޖެ އަށް މި ދެ އެވޯޑް ލިބުނު ދެ ވަނަ ފަހަރެވެ.