07 Nov 2018, 10:05
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ވިޔަފާރިތަކުން ނުދައްކައި ހުންނަ ފައިސާ ހޯދުމުގެ އުސޫލުތަކަށް އެ އޮތޯރިޓީއިން ލުޔެއް ގެނެސްދީފި އެވެ.
އެ އޮތޯރިޓީން މި ލުއިތައް ގެނައީ އިއްޔެ އެ އޮތޯރިޓީގެ އެންފޯސްމަންޓް ޕޮލިސީއަށް ގެނައި ދެވަނަ އިސްލާހާ އެކު އެވެ.
މީރާގެ އެންފޯސްމަންޓް ޕޮލިސީއަށް ގެނައި އިސްލާހުގެ ދަށުން ލުޔެއް ދީފައި ވަނީ ފްރީޒް ކޮށްފައި ހުންނަ އެކައުންޓުތައް ދޫކުރުމުގެ އުސޫލާއި ކުދި ވިޔަފާރިތަކުން މީރާއަށް ދައްކަން ޖެހޭ ފައިސާ އިންސްޓޯލުމެންޓު އުސޫލުން ދައްކާ ގޮތުގެ އުސޫލަށް ލުޔެއް ގެނެސްފަ އެވެ.
ކުރިން މީރާގެ އުސޫލުގައި ވާ ގޮތުން، ފްރީޒް ކުރާ އެކައުންޓުތަކުން ފައިސާ ދޫކުރާނީ އެ ފައިސާ ދައްކާ ހަލާސް ކުރުމުންނެވެ. ނަމަވެސް، ފައިސާ ފްރީޒްކޮށްފައިވާ ކުންފުނީގެ މައްސަލަ ސިވިލް ކޯޓުގައި ރެޖިސްޓާ ކުރާތާ 90 ދުވަހުގެ ތެރޭގައި އެކައުންޓު ދޫކޮށްލަން ބޭންކުތަކަށް އަންގަން ޖެހޭ ގޮތަށް އިއްޔެ ވަނީ އިސްލާހު ގެނެސްފަ އެވެ.
އަދި ފްރީޒް ކުރި މައްސަލަ މަތީކޯޓެއްގައި އިސްތިއުނާފު ކުރުމުން ނުވަތަ އެކައުންޓު ދޫކޮށްލަން ކޯޓަކުން އަމުުރު ކުރަމުން ވެސް އެކައުންޓު ދޫކޮށްލާނެ އެވެ. އެފަދަ ހާލަތެއްގައި ނުދައްކާ ހުރި ފައިސާއާ މެދު އަމަލު ކުރާނީ ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
އެންފޯސްމަންޓް ޕޮލިސީއަށް ގެނައި ދެވަނަ އިސްލާހާ އެކު ކުދި ވިޔަފާރިތަކުން ދައްކަން ޖެހޭ އިންސްޓޯލްމަންޓް އުސޫލުން ދެއްކުމުގެ އުސޫލަށް ވެސް ވަނީ ލުޔެއް ދީފަ އެވެ. ކުރިން އިންސްޓޯލްމަންޓު އުސޫލުން ފައިސާ ދެއްކޭނީ ދައްކަން ޖެހޭ ފައިސާގެ އަދަދު 20،000 އަށް ވުރެ މަތި ކަމަށްވި ނަމަވެސް މިހާރު 10،000 ރުފިޔާއިން ފަށައިގެން އިސްޓޯލްމަންޓަށް ދެއްކޭނެ އެވެ.
މީގެ ކުރިން މީރާއަށް ފައިސާ ދައްކާ އުސޫލުތައް ހަރުކަށި ކަމަށް ބުނެ ވިޔަފާރިވެރިން ޝަކުވާ ކޮށްފައިވެ އެވެ. އެގޮތުން އެ އުސޫލުތަކުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.