07 Nov 2018, 10:49
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން އިންތިހާބަކުން ބަލި ކުރުމަށް ހަތަރު ލީޑަރުން އެއްބަސްވި، ކޯލިޝަން "ޑީލް"، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) މި މަހު 17 ވަނަ ދުވަހު ހުވާ ކުރެއްވުމުގެ ކުރިން ހާމަ ކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ގޮވާލައްވައިފި އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހާއްސަ މުސީރު ޑރ. ޝަހީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަންގެ ވެރިން ހައްދަވާފައިވާ "ޑީލްތައް" މި މަހު 17ގެ ކުރިން ހާމަ ނުކުރައްވައިފި ނަމަ "ކޯލިޝަންގެ އެއްވެސް ވެރިއަކަށް އިތުބާރެއް ނުކުރެވޭނެ" ކަމަށެވެ.
Coalition ge verin hahdhavaafaivaa deal thah 17/11 ge kurin haama nukuravvaifinama coalition ge evves veriyakah ithubaareh nukureveyne!
— Ahmed Shaheed (@ahmedshaheed)November 6, 2018
ކުރީގެ ފޮރިން މިނިސްޓަރު ޝަހީދު މިފަދަ ގޮތަކަށް ޓްވީޓެއް މި ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި، 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލައި އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޓިކެޓް ލިބެން ޖެހޭނެ ކަމަށް ހަތަރު ލީޑަރުން އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް، އަންނަ އަހަރުގެ އިންތިހާބުގައި އެ ބޭފުޅުން ތިއްބެވި ދާއިރާތަކުގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ދިނުމަށް ކޯލިޝަންގެ ހުރިހާ ލީޑަރުން އެއްބަސްވެފައިވާ ކަމަށެވެ.
All coalition partners have already agreed to support the candidacy of the 12 MPs in their respective constituencies without going through a primary in the 2019 Majlis elections.
— Maumoon Abdul Gayoom (@maumoonagayoom)November 5, 2018
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ހޯމަ ދުވަހު އެ 12 މެންބަރުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ ބޭފުޅުންވީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށާއި އެކަމުގެ މުގާބިލުގައި އެ ބޭފުޅުންނަށް ދެން އޮންނަ ދައުރެއްގައި އިންތިހާބުވުމަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި އެކަމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބާރަ މެންބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބެން ޖެހޭނެ ކަމަށް ކުރީގެ ދެ ރައީސުން ވިދާޅުވުމުން ސޯޝަލް މީޑިއާގައި އެ ދެ ބޭފުންނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ފަހުން މައުމޫން ވިދާޅުވީ ހިޔާލު ފާޅުކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި ބިރަކާ ނުލައި ހިޔާލު ފާޅުކުރެވުމަކީ ޑިމޮކްރެސީ ކަމަށެވެ. ނަޝީދު ވިދާޅުވީ ޕާޓީއެއް ހިންގުމުގައި އެތެރޭގެ ޑިމިކްރަސީ ވަރަށް މުހިންމު ކަމަށާއި ނަމަވެސް ޕާޓީއެއްގެ ޓިކެޓް ޕްރައިމަރީއަކަށް ފަހު ދެނީ ވަރަށް މަދު ގައުމަކުން ކަމަށެވެ. "އެހެނަސް ދެންވެސް އެމްޑީޕީގެ ޓިކެޓް ދޭން ފެންނަނީ ޕްރައިމަރީއަކަށް ފަހު" ކަމަށެވެ.
ޑރ. ޝަހީދަކީ 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނަނިކޮށް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދި މިހާރުގެ ރައީސް އަދި ކުރީގެ ޕީއޭގެ ލީޑަރު ޔާމީން އަބްދުލްގައްޔޫމާ ދެމެދު، ސަރުކާރުގެ ބާރުތައް ހިއްސާ ކުރުމަށް، ގޮތް ނޭނގޭ އެގްރީމެންޓެއް ހެއްދެވި ކަމަށް ވިދާޅުވެ، އެގްރީމަންޓް ހާމަ ކުރުމަށް ވަރަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިން ކުރެއްވި ބޭފުޅެއް ވެސް މެ އެވެ.