07 Nov 2018, 09:46
ވެލާނާ އެއާޕޯޓްގެ ރަސްމީ މެގަޒިން "ވީއައިއޭ މޯލްޑިވްސް" ލޯންޗްކޮށްފިއެވެ.
ވެލާނާ އެއާޕޯޓްގެ މާމަހި އެކްޒިކިއުޓިވް ލައުންޖްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ މެގަޒިން ނެރެދެެއްވީ އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއެވެ.
އެ ރަސްމިއްޔާތުގައި އެ މެގަޒިންގެ ވެބްސައިޓާއި އަދި ސޯޝަލް މީޑިއާގެ އެކައުންޓްތައްވެސް ވަނީ ލޯންޗްކޮށްފައެވެ.
އެއާޕޯޓްސް ކުންފުނިން ބުނީ އެ މެގަޒިންއިން ރާއްޖެއާއި އަދި ވެލާނާ އިންޓަނޭޝަނަލްއާބެހޭ ހަބަރާއި ތަފާތު މައުލޫމާތުތައް ލިބިގެން ދާނެ ކަމަށެވެ. އޭގެ ތެރޭގައި އެއާޕޯޓްގެ ހިދުމަތްތަކާއި، އަތޮޅުތަކާއި އަދި ރިސޯޓްތަކުގެ އިތުރުން ގެސްޓްހައުސްގެ މައުލޫމާތު ހިމެނެއެވެ.

އެއާޕޯޓްސްގެ ރަސްމީ މެގަޒިން ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެއާޕޯޓްސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްއިން މިހާރުވެސް 4.4 މިލިއަން ފަތުރުވެރިންނަށް ދަނީ ހިދުމަތް ދެމުންނެވެ. އަދި އެ މެގަޒިން ނެރުމުން ރާއްޖެ އިތުރަށް އިޝްތިހާރުވެގެންދާނެ ކަމަށްވެސް އެއާޕޯޓްއިން ބުންޏެވެ.
އެ މެގަޒިންއަކީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ތިންކް އެޑްވަޓައިޒިންއިންއާ ހަވާލުކޮށްގެން ނެރުނު މެގަޒިންއެކެވެ. އެ މެގަޒިން އެއާޕޯޓްސް މުހިންމު އެކި ސަރަހައްދުތަކުން ލިބޭނެކަމަށްވެސް އެއާޕޯޓުން ބުންޏެވެ.
ވެލާނާ އެއާޕޯޓްސް ހުޅުވީ 1966 ވަނަ އަހަރުއެވެ. އެ އެެއާޕޯޓްގެ ހިދުމަތަށް 52 އަހަރުވެފައި ވާއިރު އެކި އެއާލައިންތަކުން 35 މަންޒިލަކަށް މިހާރު ދަތުރުކުރެވެއެވެ.