ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ފެލިދޫ ނިއު ޖެނެރޭޝަންގެ މެޗުން ޤައުމީ ވޮލީބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަން ވޮލީ މުބާރާތް މިއަދު ހަވީރު ފަށާނެ އެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 5:00 ޖަހާއިރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ.

ޖުމްލަ 10 ޓީމް ވާދަކުރާ މުބާރާތް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، މިއަދު ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އޭ ފަޅިން ވާދަކުރާ ދެ ޓީމެވެ. މި ގުރޫޕުގައި ދެން އޮތީ ޕޮލިސް ފެމިލީ އެސޯސިއޭޝަނާއި އެސޯސިއޭޝަން ފޯ ނިލަންދޫ ޔޫތު އަދި އެސްޓީއޯ ރެކްރިއޭޝަން ކްލަބެވެ.
ގުރޫޕް ބީގައި ވާދަކުރަނީ ކްލަބު ރާވެރިޔާ އާއި ކުޑަހެންވޭރު ޔުނައިޓެޑާއި ކްލަބު ޓީނޭޖް ޖޫނިއާ އާއި ކްލަބް ވިޗެންޒާ އަދި ކްލަބު އީގަލްސް އެވެ.

މުބާރާތުގައި މިއަދު ތިން މެޗް ކުޅުމަށް ހަމަޖެހިފައިވާ އިރު، ބަންދު ދުވަސްތަކުގައި ކުޅުމަށް ހަމަޖެހި ފައިވަނީ ހަތަރު މެޗް ކަމަށް ވޮލީ އެށޯސިއޭޝަނުން މައުލޫމާތު ދެ އެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ހަމަޖައްސާފައިވާ މުބާރާތުގެ އެންމެ މޮޅު ދެ ޓީމް، ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާނެ އެވެ.

ފުރަތަމަ ޑިވިޝަންގައި ވާދަކުރާނީ ޖުމްލަ އަށް ޓީމެވެ. އަދި ފުރަތަމަ ޑިވިޝަނަގެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.