06 Nov 2018, 23:48
ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްތަކާ ބެހޭ މައްސަލައެއް ޕީޕީއެމުން ޕޮލިހަށް ހުށަހަޅާފައި ވަނިކޮށް ވޯޓު ކަރުދާސްތައް ނައްތާލުމުން އިންތިހާބުގައި މަކަރުހެދިކަން ހާމަ ވެއްޖެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްތައް މިހާރު ޝްރެޑް ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި އަންދާލުމުގެ މަސައްކަތް މިހަފްތާ ކުރާނެ ކަމަށް އިލެކްޝަނުން ބުންޏެވެ. ވޯޓު ކަރުދާސްތައް ނައްތާލި މައްސަލާގައި މިއަދު އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ފުލުސް އޮފީހަށްވެސް ހާޒިރު ކުރި އެވެ.
އެމައްސަލާގައި ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިއްރިއްޔާތުގައި ކުއްލި ގޮތަކަށް ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާަސްތައް ނައްތާލުމުން އިންތިހާބުގައި މަކަރާއި ހީލަތް ހެދިކަން ހާމަވެއްޖެ ކަމަށެވެ.
" ސިއްރިއްޔާތުގައި އަދި އެހާމެ ކުއްލިގޮތަކަށް ވޯޓު ކަރުދާސްތައް ނައްތާލާފައިވާ ކަމީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހަދާފައިވާކަން އަދި އެ އަމަލުތަކަކީ އިލެކްޝަންސް ކޮމިޝަނުން ރާވައިގެން ހިންގާފައިވާ ޖަރީމާއެއްކަން އެނގި އޮޅުންފިލާ ކަމެއް." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ވޯޓު ކަރުދާސްތައް ނައްތާލި މައްސަލަ ޕީޕީއެމުން ވަނީ ކުއްވެރިކޮށްފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަނު ފަދަ ބޮދު މުއައްސަސާއެއްގެ މަސްއޫލިއްޔަތު އަދާކުރަން ކޮމިޝަނުގެ ރައީސް އަދި މެމްބަރުން ނުކުޅެދިފައިވާ ކަމަށް ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ފުލުހުންނަށް ޕީޕީއެމުން ހުށަހެޅި މައްސަލަ ރަނގަޅަށް ތަހުގީގު ކުރާނެ ކަމަށް ޔަގީން ކުރާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮމިޝަނުގެ މެމްބަރުން ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މިއަދު ވޯޓު ކަރުދާސްތައް ނައްތާލާފައިވާތީ އެކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.