ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗްގެ ސިޓީ ސްކޭން ހަދާ މެޝިން ހަލާކުވެ، ހިދުމަތް މެދުކަނޑިފައި ހުންނަތާ މަސް ދުވަސް ފަހުން އަނެއްކާ ވެސް އެ ހިދުމަތް ދޭން ފަށައިފި އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ސީޓީ ސްކޭން މެޝިނަށް ދިމާވި މައްސަލަ ހައްލުކުރުމަށް ފަހު ހިދުމަތް ދޭން ފެށުނީ އިއްޔެ ކަމަށާއި މިއަދު ރަސްމީކޮށް ސީޓީ ސްކޭންގެ އެޕޮއިންޓްމަންޓް ހަދާ، ހިދުމަތް ދެމުންދާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ރަސްމީކޮށް ހިދުމަތް ދޭން ފެށީ. އެޕޮއިންޓްމަންޓް މިހާރު ދޫކުރަމުން މިދަނީ." އޮފިޝަލު ވިދާޅުވި އެވެ.

އައިޖީއެމްއެޗް އިން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިދިޔަ މަހުގެ 25 ވަނަ ދުވަހު ހަލާކުވި ސީޓީ ސްކޭން މެޝިން މިހާރު ވަނީ އެއްކޮށް ރަނގަޅުކޮށްފަ އެވެ. އަދި އެ މެޝިނުގެ ވޮރަންޓީގެ މުއްދަތު މި މަހުގެ ނިޔަލަށް ލިބިފައިވާތީ، މެޝިނު މަރާމާތުކުރަން އިތުރު ހަރަދުތަކެއް ނުހިނގާ ކަމަށް ވެސް ބުނެފައިވެ އެވެ.

ސިޓީ ސްކޭންގެ ހިދުމަތް މެދުކެނޑިފައި އޮތުމުން އެހިދުމަތް ހޯދާ މީހުންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފަ އެވެ. އަދި އޭޑީކޭ އިން ސީޓީ ސްކޭން ހައްދަން އެދޭ ފަރާތްތަކުގެ އަދަދު ގިނަވެ، އެ ހޮސްޕިޓަލަށް ވަނީ ބާރުބޮޑުވެފަ އެވެ.