06 Nov 2018, 16:31
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހއ. ހޯރަފުށިން މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދު އެ ރަށު ޕޮލިސްޓޭޝަން އިން ހިންގި އޮޕަރޭޝަނެއްގައި 25 އަހަރުގެ ދިވެހި ފިރިހެނެކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާ އަތުން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 746 ކުދި ރަބަރު ޕެކެޓް ފެނިފަ އެވެ.
އެ ތަކެތި ފެނފައި ވަނީ ހޯރަފުށީ މަގުމަތިން އެމީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި ކުރުމުން، އޭނާ ގެންގުޅުނު ކޮތަޅެއްގެ ތެރޭގައި އޮތް ރޭޑިއޯ އެއް ރޫޅާ ބެލިއިރު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މިއަދު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު، ހޯރަފުށީން މީހަކު ހައްޔަރުކުރި އިރު، އިއްޔެ ރޭ ޅ. ނާފަރުން ވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ވެސް މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފަ އެވެ.

ޅ. ނާއިފަރުން އަތުލައިގަތް މަސްތުވާ ތަކެތި، މި އޮޕަރޭޝަންގައި ކުޑަކުއްޖަކު ވަނީ ހައްޔަރު ކޮށްފަ -- ފޮޓޯ ފުލުހުން
ނާއިފަރު ޕޮލިސް ސްޓޭޝަން އިން ހިންގި މިއޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން ނައިފަރުގެ ގެއެއް ބަލައި ފާސްކުރިކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 29 ރަބަރު ޕެކެޓު ވަނީ ފެނިފަ އެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.