ގަވައިދާ ހިލާފަށް ރުއްގަސްތައް ށ. އަތޮޅުގެ ރައްތަކުން ނަގަމުންދާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ޓީމެއް އެ އަތޮޅަށް ހިނގައްޖެ އެވެ.

އީޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ށ. އަތޮޅުން ވަރަށް ގިނަ ރަށްތަކަކުން ގަވައިދާ ހިލާފަށް ރުއްގަސްތައް ނަގާކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށެވެ. އަދި އެކަންތައްތަކުގެ ފީލްޑް އެސެސްމަންޓްތައް ހަދަމުންގެންދާ ކަމަށް ވެސް އިޕީއޭގެ ޓުވީޓުގައިވެ އެވެ.

މިދިޔަ އާދިއްތަ ދުވަހު އެންވަރަމަންޓް މިނސްޓްރީގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އީޕީއޭގެ ޑިރެކްޓަރު ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ ގަވާއިދާ ހިލާފަށް ރުއްގަސް އުފުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިވާނެ ކަމުގައެވެ.

"ދެރަށަކަށް ފިޔަވަޅު އަޅާފައިވާނެ. އެއްރަށަކަށް މިއޮތީ ރިނބުދޫ. އަނެއް ރަށަކަށް ޅައިމަގާ ދޭތެރޭގައި ވެސް ރުއް ނެގުމުގެ ކަންތަކުގެ މިހާރު އެއް ފިޔަވަޅު އަޅާފައި ވާނީ. އަދިވެސް އިތުރު މައްސަލަތައް އެކި އެކި ރަށްރަށުގައި ބަލަމުން މިގެންދަނީ. އެގޮތުން ޅައިމަގުގައި ވެސް އަދި ވެސް އެބަހުރި ބަލަމުންގެންދާ މައްސަލަތަކެއް،" ނައީމް ވިދާޅުވި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ މިފަހުން ނުވަ ރަށަކުން ގަވައިދާ ހިލާފަށް ރުއްކެނޑިކަން އެނގިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ށ. މާކނޑުދުއާއި މިލަންދޫ ދ. ބަނޑިދޫ. ބ. ފުޅަދޫ ދ. އުއްދޫ. ގދ. ފަރެސްމާތޮޑާ ކައިރީ އޮންނަ ފަޅުރަށަކާއި ރ. ރަސްގެތީމް، ބ. މާމަޑުއްވަރި، ނ. މާފަރު ށ. ޅައިމަގު ހިމެނެ އެވެ.