26 Sep 2011, 12:16
ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ ރައީސް އަހުމަދު ނަޖާހު ރައީސްކަމުގެ މަގާމުން ވަކިކުރި މައްސަލަ އަލުން ބެލުމަށް ދަޑިމަގު ކައުންސިލަށް ފުވައްމުލަކު އަތޮޅު ކައުންސިލުން މިއަދު އަންގައިފި އެވެ.
އަތޮޅު ކައުންސިލްގެ ރައީސް ހަސަން ސައީދު ވިދާޅުވީ ދަޑިމަގު ކައުންސިލްގެ ރައީސް މަގާމުން ވަކިކުރި މައްސަލަ އަލުން ބަލަން އެންގީ ރައީސް ކަމުގެ މަގާމުން ނަޖާހު ދުރުކޮށްފައިވާ މައްސަލަ އިދާރީ ގޮތުން ފުރިހަމަ ނުވާތީ ކަމަށެވެ. ހަސަން ވިދާޅުވީ އެ މައްސަލައިގައި ލާމަރުކަޒީ ގާނޫނާއި، ކައުންސިލްގެ ގަވާއިދު ފުށުއަރާ ބައެއް ކަންތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮންކަންތައް ތަކެއްކަމެ ހަސަން ވިދާޅެއް ނުވެއެވެ.
ދަނޑިމަގު ކައުންސިލްގެ ގަރާރަކުން މަގާމުން ދުރުކޮށްފައިވާ ނަޖާހަށް ރައީސްކަމުގެ މަގާމުގެ ހައިސިއްޔަތު މިހާރު އޮތްކަމަށް ގަބޫލުކުރައްވަންތޯ ދެންނެވުމުން ހަސަން ވިދާޅުވީ އެކަމާ ގުޅޭގޮތުން ވަކިއެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.
ރައީސް ކަމުން ނަޖާހު ވަކި ކުރުމަށް ކައުންސިލުގެ އަނެއް ދެ މެންބަރުން ނެރުނު ގަރާރުގައި ބުނަނީ "އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ފ) އާއި ޚިލާފަށް ކައުންސިލާއި މަޝްވަރާ ކުރުމެއްނެތި ބިންތަށް ދޫކުރުމާއި، ކައުންސިލްގެ ފައިސާ ގަވާއިދާ ޚިލާފަށް ހަރަދު ކުރުމުގެ އިތުރަށް ދަޑިމަގު ކައުންސިލްގެ އަގު ވައްޓައިލުމަށް ދޮގު ވާހަކަތައް ދައްކަވައި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ވާހަކަ ދައްކަވަމުން ގެންދާތީ މިކަން އިސްލާހުކުރުމަށް ކުރި މަސައްކަތުން އެދެވޭ ނަތީޖާއެއް ނުނިކުތުމުން ދަޑިމަގު ކައުންސިލްގެ ރައިސްކަމުން ވަކިކުރުމަށް ކައުންސިލްގެ ދެ މެންބަރުންގެ އަގުލަބިއްޔަތުން ނިންމައި މި ގަރާރު އާއްމުކުރީ" ކަމަށެވެ.
މި މައްސަލައިގައި ނަޖާހު ވިދާޅުވެފައި ވަނީ އެ ގަރާރު އޭނާ ގަބޫލު ނުކުރައްވާ ކަމަށާއި އޭނާއަކީ އަދިވެސް ކައުންސިލުގެ ރައީސް ކަމަށެވެ. އަދި ގަރާރާ ގުޅިގެން މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ކައުންސިލްގެ ރައީސާއި ނައިބު ރައީސް މަޤާމުން ދުރުކުރުން ބަޔާންކޮށްފައިވާ 121 ވަނަ މާއްދާގައި ބުނެފައިވަނީ "ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް ކައުންސިލްގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފިނަމަ، އެ މީހަކު މަޤާމުން އިސްތިއުފާ ދޭންވާނެ ކަމަށެވެ. ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސް ކަމުގެ މަޤާމުން ކައުންސިލްގެ މެންބަރަކު ވަކި ކުރެވުނަމަވެސް އެ މެންބަރެއްގެ މެންބަރުކަން ދެމި އޮއްނާނެ އެވެ.