06 Nov 2018, 15:12
ހަތަރު އަހަރު ދުވަހުގެ ތެރޭ 700އަށް ވުރެ ގިނަ ނިއުރޯސާޖަރީ ހަދައިފައިވާ ކަމަށް އޭޑީކޭއިން ބުނެފިއެވެ.
އޭޑީކޭއިން އިންތިޒާމްކޮށްގެން ޕެރެޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ހެނދުނު ފެށި " މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް " ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އައްފާލް އަހުމަދު ވިދާޅުވީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ސްޕައިން ސާޖަރީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދި ނަމަވެސް ރާއްޖެއަށް އެކަން އަދި ވަރަށް އާ ކަމަށެވެ.
" ބްރެއިން އެންޑް ސްޕައިން އޭޑީކޭއިން ކުރަން ފެށިތާ މިހާރު މިވީ އެންމެ ހަތަރު އަހަރު. ސްޕައިންގެ އެކި ހިދުމަތްތައް ދެމުންގެންދާތާ އަހަރުތަކެއް ވެއްޖެ އެހެން ނަމަވެސް ސްޕައިންގެ ނިއުރޯ ސާޖިކަލް ހިދުމަތް ދޭން ފެށިތާ މާގިނަ އަހަރުތަކެއް ނުވޭ. އެހެން ނަމަވެސް މިސަރަހައްދުގެ ގައުމުތަކާ އެއްވަރަށް ހިދުމަތްތައް ތަރައްގީކުރެވިގެން މިދިއައީ ވަރަށް ކުޑަ ދުވަސްކޮޅެއް ތެރޭ،" އައްފާލް ވިދާޅުވިއެވެ.

އޭޑީކޭއިން މިއަދު ފެށި މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ތެރެއިން--- ފޮޓޯ: އޭޑީކޭ
އައްފާލް ވިދާޅުވީ އޭޑީކޭގައި ނިއުރޯސާޖަރީގެ ހިދުމަތް ފެށީ ހަމައެކަނި އޭރު ހުރި ނިއުރޯ ސާޖަން އަލީ ނިޔާފްއާއެކު ކަމަށެވެ. އަލީ ނިޔާފްއަކީ މިހާރުވެސް ރާއްޖޭގައި ހުރި ހަމައެކަނި ނިއުރޯސާޖަންއެވެ. އެހެންކަމުން އެ ދާރިއާއިން އެހެނިހެން ޑޮކްޓަރުން އުފައްދަން ޖެހިފައިވާ ކަަމަށްވެސް އައްފާލް ވިދާޅުވިއެވެ.
" އެހެން އަދި އާދައިގެ ގޮތަކަށް ހަމައެކަނި ޓްރޯމާ އަދި އިމެޖެންސީ ސާޖަރީތައް ކުރި ކަމުގައި ވިޔަސް މިހަތަރު އަހަރުތެރޭގައި އޭޑީކޭގައި އެކަނިވެސް 700 އަށް ވުރެ ގިނަ ސާޖަރީ ވަނީ ހަދާފައި. މިއީ ވަރަށް ބޮޑު ކަމިޔާބީއެއް ކަމަށް އަޅުގަނޑު ދެކެން." އައްފާލް ވިދާޅުވިއެވެ.
މިއަދާއި މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގައި އެ ދާއިރާއިން ރާއްޖެއިން ބޭރުގެ ފުންނާބު އުސް ޑޮކްޓަރުން ބައިވެރިވާ ކަމަށް އޭޑީކޭއިން ބުންޏެވެ.