އާ ސަރުކާރުގެ އަމާޒަކީ ރާއްޖެއިން ބޭރަށް ނުގޮސް ރާއްޖޭގައި ޒަމާނީ ފަރުވާ ލިބޭނެ ގޮތް ހެދުން ކަމަށް އިންތިހާބީ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އޭޑީކޭ އިން އިންތިޒާމުކޮށްގެން ޕެރެޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ފެށި "މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފު ވެރިކޮށްދެއްވައި ފައިސަލް ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ވަރަށް ހުނަރުވެރި ޑޮކްޓަރުން ރާއްޖޭގައި އުފެދި ގައުމަށް ހިދުމަތްތައް ކުރަމުންގެންދާތަން ފެންނަމުންދާ ކަަމަށެވެ.

އެހެންނަމަވެސް އެ ދާއިރާ އަދި ވެސް ވަރަށް ބޮޑަށް ތަރައްގީ ކުރަން ޖެހިފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

"މިވަގުތު ރާއްޖޭގައި ހުރީ އެންމެ ނިއުރޯ ސާޖަންއެއް. އަލީ ނިޔާފް އަށް ޝުކުރުވެރިވަން. ނިޔާފް ތިޔަ ދެމުންދާ ހިދުމަތަށް އަޅުގަނޑުމެން ފަހުރުވެރިވަން. އެހެން ނަމަވެސް އެންމެ ސާޖަންއެއް ހުރުމުން ބަލިމީހުންނަށް ފަރުވާ ހޯދަންޏާ ޖެހޭނީ މަޑުކުރަން. އެހެން ނޫނީ މި ޖެހެނީ ބޭރަށް ދާން." ފައިސަލް ވިދާޅުވި އެވެ.

އެހެންކަމުން އާ ސަރުކާރުން އެންމެ އިސްކަންދޭނީ ރާއްޖެ އިން ބޭރަށް ނުގޮސް ރާއްޖޭގައި ތިބިގެން ޒަމާނީ އަދި ކޮލެޓީ ފަރުވާ ރާއްޖޭގައި ތިބެގެން ފަރުވާ ހޯދޭނެގޮތް ހެދުން ކަަމަށެެވެ. އަދި ސިއްހީ ހިދުމަތް ދެމުންގެންދާ ފަރާތްތަކުން ހިދުމަތްތައް އަތްފޯރާ އަދި އެކަށޭނެ އަގުތަގެއްގައި ދޭތަން ފެންނަތަން ދެކެން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ރާއްޖެ ބެހިފައިވާ ގޮތުން ސިއްހީ ދާއިރާގެ ފަންނީ މީހުން އިތުރުކުރަން ޖެހިފައިވާ ކަަމަށާއި އަދި މިއަދު ފެށި ކޮންފަރެންސްއަކީ ސިއްހީ ދާއިރާއާ މެދު އިތުުބާރު އުފެެއްދުމަށް ވަރަށް ރަނގަޅު ފުރުސަތެއް ކަަމަށް ފައިސަލް ވިދާޅުވި އެވެ.