އިނގިރޭސި ވިލާތުގެ ކްރިސްޓްޗާޗް ކޮލެޖުން ރާއްޖެއަށް ކޮންމެ އަހަރަކު ސްކޮލާޝިޕެއް ދޭން ހަމަޖައްސާފައިވާތީ އަދާލަތު ޕާޓީން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކްރިސްޓްޗާޗް ކޮލެޖުން ރާއްޖޭއަށް ސްކޮލާޝިޕްގެ ފުރުސަތުތައް ހުޅުވައިލުމާ ގުޅިގެން އަދާލަތު އެކަމާ ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކޮލެޖަކީ ޒަމާނީ ތައުލީމުދޭ ނަސާރާ ދީނުގެ ދީނީ ކޮލެޖެއް ކަމަށާއި އެތަނުން ރާއްޖޭގެ ކުދިންނަށް ލިބޭ ސްކޯލާޝިޕްތަކާ މެދު ސަމާލުވުން މުހިންމު ކަމަށެވެ.

" އެކޮލެޖުން ގިނަ އަދަދެއްގެ ނަސާރާ ފާދިރީންގެ ގޮތުގައި މިއަދު ތިބި މީހުން ވަނީ ތައުލީމު ހާސިލްކޮށްފައި،" އާދާލަތުން ބުނެފައިވެ އެވެ.

މި ސްކޮލާޝިޕްގެ ފުރުސަތަކީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއަށް ކުރެއްވި ޒިޔާރަތުގައި ހަމަޖެހުނު ސްކޮލާޝިޕެއް ކަމަށާއި ކޮންމެ އަހަރަކު އެ ސްކޮލާޝިޕް ދޭން ހަމަޖައްސާފައި ވަނީ ތިމާވެށީގެ ދާއިރާއިން ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކްރިސްޓްޗާޗް ކޮލެޖަކީ އޮކްސްފޯޑް ޔުނިވާސިޓީގެ ކޮލެޖެކެވެ.