ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގެންނެވި ކުރީގެ ރައީސް ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް އެންމެ ފުރަތަމަ ހަމަޖެހުނީ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން އެ ދަތުރުފުޅު ނޮވެމްބަރު ނުވައެއް ވާ ހުކުރު ދުވަހަށް ފަސްކުރެވުނެވެ.

އެމްޑީޕީ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު، "ސަން" އަށް ވިދާޅުވީ ރައީސް ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހު 2:30 ކަމަށެވެ. އެމަނިކުފާނު ވަޑައިގަންނަވަނީ ވިލާ އެއާގެ ފްލައިމީގެ ފްލައިޓެއްގައެވެ.

އަލީ ނިޔާޒު ވިދާޅުވި ގޮތުގައި މިއީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުރިހާ އަވަށަކަށް ވަޑައިގަންނަވާނެކަމަށް ޗެއާޕާސަންގެ ނައިބު ވިދާޅުވިއެވެ.

މިއީ މިނިވަންވުމަށް ފަހު ރައީސް ނަޝީދު ރާއްޖޭގެ ރަށަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އެމްޑީޕީގެ ތާއީދު ބޮޑު އައްޑޫ ސިޓީއިން ދަނީ މި ދަތުރުފުޅު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރެއްވުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2015 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

ނަމަވެސް އެ ހުކުމް ރިވިއުކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހެޅި މައްސަލަ ވަކި ގޮތަކަށް ނިމެންދެން، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުނުކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.