06 Nov 2018, 10:33
އިންޑިއާގެ ފުރަތަމަ ސްޕޭސް ފިލްމު، 'މިޝަން މަންގަލް'ގެ ކާސްޓު އިއުލާނުކޮށްފިއެވެ.
ޖަގަން ޝަކްތީ ޑައިރެކްޓު ކުރާ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރެވެ.
ފިލްމުގެ ކާސްޓު ހާމަކޮށްފައި ވަނީ އަކްޝޭ ޓުވީޓު ކުރި ފޮޓޯ އަކާއެކުއެވެ. ފިލްމުގައި އަކްޝޭ އާއެކު ފެނިގެން ދާނީ ކްރިތީ ކުޅާރީ، ތާޕްސީ ޕަންނޫ، ސޮނާކްޝީ ސިންހާ، ވިދްޔާ ބާލަން، ޝަރްމަން ޖޯޝީ އަދި ނިތިޔާ މެނަން އެވެ.
ފޮޓޯ އާއެކު ކުރި ޓުވީޓުގައި އަކްޝޭ ބުނެފައި ވަނީ އިންޑިއާއިން މާސް އަށް ކުރި ދަތުރުގެ ވާހަކަ ފިލްމެއްގެ ސިފައިގައި ގެނެސްދެވޭތީ ވަރަށް ބޮޑަށް އުފަލުން ހުރި ކަމަށެވެ. އަދި ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.
އިންޑިއަން ސްޕޭސް ރީސާޗް އޮގަނައިޒޭޝަނުން މާސް މިޝަން ލޯންޗުކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު ފަސް ވަނަ ދުވަހުއެވެ. 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އިންޑިއާ އިން ވަނީ މާސް އަށް ކާމިޔާބު ދަތުރެއް ކޮށްފައެވެ.
ނޮވެމްބަރު މެދުތެރޭގައި 'މިޝަން މަންގަލް'ގެ ޝޫޓިން ފެށާނެ ކަމަށް ބެލެވޭ އިރު، އަކްޝޭގެ ތާވަލު އޮތީ މުޅިން ފުލްވެފައެވެ. ކުރިއަށް ވެސް އަކްޝޭގެ ތިން ފިލްމެއް އެބަ އޮތެވެ. އެއީ '2.0'، 'ގުޑް ނިއުސް' އަދި 'ކޭސަރީ' އެވެ.
އޭގެ އިތުރުން އަކްޝޭ ވަނީ ފޮކްސް ސްޓާ ސްޓޫޑިއޯސް އަދި ޗޭޕް އޮފް ގުޑް ފިލްމްސް އާއެކު ތިން ފިލްމު ޑީލް އެއްގައި ސޮއިކޮށްފައެވެ.