26 Sep 2011, 11:35
ހދ. ނޮޅިވަރަމަށްދިޔަ އެ އަތޮޅު ގައުމީ އިދާރާގެ ޓީމެއް ރަށުން ފުރިޔަނުދީ ނޮޅިވަރަމް ބަޔަކު ހިފަހައްޓައިފި އެވެ.
ނޮޅިވަރަމް ރައްޔިތުންގެ ބަޔަކު އިއްޔެ ރަށު ކައުންސިލް އިދާރާ ކައިރިއަށް އެއްވުމަށް ފަހު، އެރަށް ގޮސް އުޅުނު އެ އަތޮޅު ގައުމީ އިދާރާގެ ހަތަރު ބޭފުޅަކު ރަށުން ފުރިޔަ ނުދީ ހިފެހެއްޓީ އިއްޔެ ހަވީރުން ފެށިގެނެވެ.
ނޮޅިވަރަމް ކައުންސިލުގެ ރައީސް މުހައްމަދު ޒިޔާދު މިއަދު ވިދާޅުވީ ރައްޔިތުންގެ ތެރެއިން ބަޔަކު ކައުންސިލު އިދާރާ ދޮށަށް އެއްވީ އެ ރަށުން ގޯތި ދޫކުރަން ކައުންސިލުން ނިންމާފައިވާ ނިންމުން ބަލަން ގައުމީ އިދާރާގެ ޓީމެއް ދިއުމުން ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން އެމީހުންނާ ކުރިމަތިލައި ރަށުން ފުރިޔަ ނުދީ ހިފެހެއްޓީ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ޚިލާފަށް 2000 އަކަފޫޓަށް ވުރެ ބޮޑުކޮށް ގޯތި ދޫނުކުރުމަށް ހައުސިން މިނިސްޓްރީން އަންގާފައި އޮތް އޮތުމާ ޚިލާފަށް 3000 އަކަފޫޓުގެ ގޯތި ދޫކޮށްފައިވާތީ އެ މައްސަލަ ބަލަން އުޅެގެން ކަމަށެވެ.
ޒިޔާދު ވިދާޅުވީ ގައުމީ އިދާރާގެ ހަތަރު މެންބަރުންނަށް އިއްޔެ ހަވީރު ރަށުން ފުރިޔަ ނުދީ ހިފެހެއްޓުމަށް ފަހު ދޫކޮށްލާފައި ވަނީ ރޭ 10:00 ޖަހައި ބޮޑުވި ފަހުން ކަމަށެވެ.
ނޮޅިވަރަމްގައި ހިފެހެއްޓި ޓީމް ދޫކޮށްލީ އެއްވި މީހުންނާއި ބައްދަލުކޮށް ރައްޔިތުންގެ ޝަކުވާ އަޑުއައި މަޝްވަރާ ކުރުމުން ކަމަށް ނޮޅިވަރަމުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. އަދި ބުނީ ޓީމް ފުރިޔަ ނުދީ ހިފެއްޓި ނަމަވެސް ރަށުގައި އެއްވެސް ހަމަނުޖެހުމެއް އުފައްދާފައި ނުވާ ކަމަށެވެ.
ޒިޔާދު ވިދާޅުވި ގޮތުގައި ނޮޅިވަރަމުން ގޯތި ދޫކޮށްފައިވަނީ އެރަށުގައި ހަދާފައިވާ ލޭން ޑްޔޫސްޕްލޭނާއި ޚިލާފަށް ކަމަށް ހައުސިންގ މިނިސްޓްރީން ބުނާ ބުނުމަކީ ރަނގަޅުވާހައެއް ނޫން ކަމަށާއި ރައްޔިތުން ހިތްހަމަ ނުޖެހުނީ އެހެންވެގެން ކަމަށެވެ.
"އަޅުގަނޑުމެން ނޮޅިވަރަމުން ގޯތި ދޫކޮށްފައިވަނީ އެއްގޮތަކަށް ވެސް ލޭންޑް ޔޫސްޕުލޭނާ ޙިލާފަކަށް ނޫން އަލުގަނޑުމެން ކައުންސިލްގެ އިދާރާއާއި ހަވާލުވުމުގެ ކުރިން ރައްޔިތުންނާއި ހިއްސާ ނުކޮށްހަދާފައިވާ ލޭންޑް ޔޫސްޕްލޭނެއް އެއީ. އެއަށް މިހާރު އަޅުގަނޑުމެން އަމަލެއް ނުކުރަން. އަދި އަޅުގަނޑުމެން ކައުންސިލްގެ ފަރާތުން ގޯތިދޫކުރުމާއި ބެހޭ އުސޫލް ހެދުމަށްފަހު ގައުމީ އިދާރާއާއި އަތޮޅު ކައުންސިލާއި މަޝްވަރާކުރުމަށްފަހު ގޯތި ދޫކޮށްފައިވާނީ،" ޒިޔާދު ވިދާޅުވިއެވެ.
ނޮޅިވަރަމުން ގޯތި ދޫކުރުމުގެ މައްސަލައިގައި މީގެ ކުރިންވެސް އެރަށު ކައުންސިލް އިދާރާ ދޮށަށް އެއްވެ ރައްޔިތުން މުޒާހަރާ ކުރި އެވެ.