06 Nov 2018, 09:45
ޕާލިމެންޓް ގޮނޑީގެ ޓިކެޓު ދިނުމަށް ޕްރައިމަރީ ބާއްވަނީ ދުނިޔޭގެ މަދު ސިޔާސީ ޕާޓިއަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ހިންގުމުގައި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރަށް މުހިއްމު ކަމަށެވެ. ނަމަވެސް ޕާލިމެންޓް ގޮނޑީގެ ޓިކެޓު ދިނުމަށް ޕްރައިމަރީ ބާއްވަނީ ދުނިޔޭގެ މަދު ސިޔާސީ ޕާޓިއަކުން ކަމަށާއި އެއީ ފައިދާ އާއި ގެއްލުން ހުރިކަމެއްކަން އެމްޑީޕީ އިން ތަޖުރިބާކޮށްފި ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
"އެހެނަސް ދެން ވެސް އެމްޑީޕީ ޓިކެޓު ދޭން ފެންނަނީ ޕްރައިމަރީއަކަށް ފަހު،" ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.
MDP hingumugai party ge ethereyge democracy varah muhinmu. Dhunieyge varah madhu siyaasee party ehga parliament gondee ge ticket dhinumah primary eh baavvanee. Miee faidha aai gellun huri kamehkan MDP thajuribaa kohfi. Ehenas, dhenves MDP ticket dheyn fennanee primary akah fahu
— Mohamed Nasheed (@MohamedNasheed)November 6, 2018
ނަޝީދު މިފަދަ މޭރުމަކުން ޓްވީޓެއް ކުރައްވާފައި މިވަނީ ގޮނޑިގެއްލުނު ކަމަށް ކަނޑައެޅި އަދި މިހާރު އެބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމު ކޯޓުން ނިންމާފައިވާ 12 މެންބަރުންނަށް އަންނަ އަހަރު ބާއްވާ އާންމު އިންތިހާބުގައި ޓިކެޓަކާ ނުލާ ވާދަ ކުރުމުގެ ފުރުސަތު ދިނުމަށް ކޯލިޝަން ލީޑަރުން ނިންމާފައިވާ ކަމަށްް ބުނެ ވާހަކަ ދެކެވެމުން ދަނިކޮށެވެ.
ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރައިމެރީ އަކާ ނުލައި 12 މެމްބަރުންނަށް މަޖިލިސް ޓިކެޓު ދޭން އިދިކޮޅު ޕާޓީތަކުގެ ހުރިހާ ލީޑަރުން އެއްބަސްވެފައިވާ ކަމަށެވެ.
އަނެއްކޮޅުން 12 މެންބަރުންނާ ބައްދަލުކުރައްވާ އެ މެމްބަރުން ވީ ގުރުބާނީގެ ހައްގުގައި ޓިކެޓް ދޭން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މެމްބަރުން ވެސް ވަނީ ވިދާޅުވެފަ އެވެ.
ޕްރައިމަރީ އަކާނުލާ ޓިކެޓްދޭ އަޑު ގަދަވުމާއެކު އާންމުން ވަނީ އެކަމާ ނުރުހުން ފާޅުކުރަން ފަށައިފަ އެވެ.