"ޖަޒީރާ ހޮޅުއަށީގައި" ރޭ ކުރިއަށް ދިޔަ މައުލޫއަކީ މާލޭގެ މަގުތަކާ މެދު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކުގެ ވާހަކަ އެވެ. އަދި އެކަމަށް ރައްޔިތުންގެ ހިޔާލުގައި ފެންނަ ހައްލުތަކާ ބެހޭ ގޮތުން ވާހަކަ ދެކެވުނެވެ.

ހޮޅުއަށީގެ ވާހަކަތައް ފަށައިގަންނަމުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ "ދުއްވާ ތަކެއްޗަށް ދުއްވޭކަށް ނެތް ޕާކު ކުރާނެ ޖާގައެއް ނެތް. ހިނގާލާނެ ތަންކޮޅެއް ނެތް." މިހެންނެވެ. މާލޭގެ މަގުތަކުގެ ހާލަތު ވަރަށް ރަނގަޅަށް ވެސް އެވާހަކައިން ސިފަވި އެވެ.

ރޭގެ ބައްދަލުވުމުގައި މީހަކު އޭނާގެ ހިޔާލު ހުށައަޅަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެއާއެކު އެތަނަށް ހާޒިރުވެ ތިބި މީހުންގެ ވެސް ބޮޑެތި ޝަކުވާތަކެއް ހުއްޓެވެ. މާލޭގެ މަގުތަކުގައި އޮތް ހުސްނުވާ ހޮޅިތަކުގެ ވާހަކަ އެވެ. މަގުމަތީ ހިނގާލާއިރަށް ގޭގޭގައި ހަރުކޮށްފައި ހުންނަ އޭސީތަކުން ފައިބާ ފެނުގެ ވާހަކަ އެވެ. ގެޔަށް ވަދެލާނެ ޖާގައެއް ނެތި ފުނިޖެހިފައި ހުންނަ ސައިކަލުތަކުގެ ވާހަކަ އެވެ.

މާލޭގެ މަގުތަކުގައި އާންމުކޮށް ހިނގާފައި އުޅޭ މަރިޔަމް ސައީދާ ބުނީ މަގުމަތީގައި ހިނގާފައި ދާއިރު ގޭގޭ ފުރާޅުން އޭސީ އިން ފައިވާ ފެނުން ވަރަށް ބޮޑަށް އުނދަގޫ ވާ ކަމަށެވެ.

"ފެންތިކި ފުރާޅުން ފައިބާތީ އަޅުގަނޑުމެންގެ ބޮލަށް ވާރޭ ނުވެހުނަސް ހަމަ ފެން ފައިބާ. އަޅުގަނޑަށް އެކަމަށް ފެންނަ ހައްލަކީ ގޭގެއަށް އަންގަވާފައި، ހަމައެކަނި މަޑުން ނުތިއްބަވާ ތިޔަ ބޭފުޅުން އެކަންތައްތައް ރަނގަޅު ކުރައްވާތޯ ބެއްލެވުން." މަރިޔަމް ސައީދާ ބުންޏެވެ.

ދެން އޭނާގެ ކަންބޮޑުވުމަކީ ގެޔަށް ވަންނާނެ ގޮތެއް މަގު ހުރަސްކޮށް ޕޭމެންޓަށް އަރާނެ ގޮތެއް ނެތުމެވެ. މައްސަލައަކީ އުސޫލެއް ނެތި ޕާކުކޮށްފައި ހުންނަ ސައިކަލުތަކެވެ. އެކަންކަން ބަލަން ޓްރެފިކް ޕޮލިސް ތިބެ އެކަން ހައްލުވަންދެން މޮނިޓަ ކުރުވުން އެއީ އޭނާއަށް ފެންނަ ހައްލު ކަމަށް މަރިޔަމް ބުންޏެވެ.

ރޭގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެހެން މީހަކު ބުނީ މަގުމަތީ ހިނގާ މީހުންގެ ބޮލަށް ފެން ފައިބާ މައްސަލަ ހައްލު ކުރަން އަދި ޕާކު ކުރާނެ ޖާގަ ހަދަން ބިލްޑިންގް ކޯޑެއް އޮންނަން ޖެހޭ ކަމަށެވެ.

"ބިލްޑިންގް ކޯޑެއް އޮވެގެން އެކަންކަން އެގޮތަށް ކުރެއްވިއްޖެއްޔާ މާލޭގެ މަގުމަތީގެ މައްސަލަ ކުރެވޭނެ." ހިޔާލު ހުށަހެޅި އެހެން މީހަކު ބުންޏެވެ.

ޕާކު ކުރާނެ ޖާގަ ނެތުމާއި މާލޭގައި ވެހިކަލް ގިނަވުމާއި އެއްތަނުން އަނެއް ތަނަށް ދާން އުނދަގޫ ވުމަކީ ވެސް އާންމުން ހުށަހެޅި ޝަކުވާ އެވެ. ކުދިކުދި މަގުތައް ދެކޮޅަށް ދުއްވޭ ގޮތަށް ހުރުމުން މަގު ބްލޮކްވެ ސުކޫލުތަކަށް އަދި އޮފީސްތަކަށްދާ މީހުން ގަޑި ޖެހޭ މައްސަލަ ވެސް ބައެއް މީހުން ފާހަގަ ކުރި އެވެ.

ކޮންމެއަކަސް މާލެގެ މަގުތަކާ ބެހޭ ގޮތުން އާންމުންގެ ޝަކުވާ ވަރަށް ގިނަ އެވެ. ހަރުދަނާ ހައްލުތަކެއްގެ ހިޔާލު ވެސް ހުށަހަހެޅި އެވެ. މާލޭގެ މަގުތަކުގެ މައްސަލަ ހައްލުވެގެން ދާއިރު ދުރު ރާސްތާ ޕްލޭނަކާ އެކު ދާއިމީ ހައްލު ލިބިގެން ދިޔުމަކީ ރައްޔިތުން ބޭނުންވާ ގޮތެވެ. "ބޭނުންވަނީ ވަގުތީ ހައްލެއް ނޫން، ދާއިމީ ހައްލެއް" ރައްޔިތަކު ބުންޏެވެ.