ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެމުން ގެންދާނީ ސިޓީ ކައުންސިލް ތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށް ލާމަރުކަޒީ އުސޫލުން ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މާލޭގެ މަގުތަކަށް ގެންނާނެ ބަދަލާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް "ޖަޒީރާ ހޮޅުއަށި" ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މިރޭ ފެށި އެ ބައްދަލުވުމަކީ ކުރިއަށް އޮތްތަނުގައި ސިލްސިލާކޮށް ރައްޔިތުންގެ ހޯދުމަށް ބާއްވަމުންދާނެ ބައްދަލުވުންތަކެއް ކަމަށެވެ.

އެ ބައްދަލުވުންތައް ބާއްވާނީ ހަމައެކަނި މާލޭގައި ނޫން ކަމަށާއި އެކި ރަށްރަށުގައި ސިޓީތަކުގައި އެ ރަށްރަށަށް ބޭނުންވާ ކަންކަން ރައްޔިތުންގެ ހިޔާލާއެކު ކުރިއަށް ގެންދިއުމަށް "ޖަޒީރާ ހޮޅުއަށި" ޕްރޮގްރާމު ކަންކޮޅުތަކުގައިވެސް ބާއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވެފައިވާ ކަންތައްތައް ކުރުމަށްޓަކައި ރައްޔިތުންގެ އަޑު އެހުމުގެ ގޮތުން މިދެންނެވި ގޮތަށް މީގެ ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް މިއޮއްތަނުގައި ބޭއްވިގެން ދާނެ." އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

މިރޭ ޖަޒީރާ ހޮޅުއަށީގައި އާންމުންގެ ހިޔާލު ހޯދާފައިވަނީ މާލޭގެ މަގުތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭ ގޮތުންނެވެ. އިބޫ ވިދާޅުވީ މާލޭގައި ހަތަރު ފުރޮޅުލީ 8000 އުޅަނދަށްވުރެ ގިނަ އުޅަނދު ގެންގުޅޭ ކަމަށެވެ. އަދި 90،000 އަށްވުރެ ގިނަ ސައިކަލު ދުއްވާ ކަމަށް ވިދާޅުވި އެވެ.

" މާލޭގެ މަގުތަކުގައ ހާލަތުގެ ވާހަކަ މިރޭ އަޅުގަނޑު މިތާ ހުރެ ތިބޭފުޅުނަށް އިތުރަށް ތަފްސީލުކޮށް ދަންނަވަން ޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ދުއްވާ ތަކެއްޗަށް ދުއްވޭކަށް ނެތް ޕާކު ކުރާނެ ޖާގައެއް ނެތް. ހިނގާލާނެ ތަންކޮޅެއް ނެތް." އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ޖަޒީރާ ރާއްޖެ ތަރައްގީ ކުރުމަށް މާލެ ހިތްފަސޭހަތަނަކަށް ވާންޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ. އެކަން ވާނީ ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ތަރައްގީ ކުރެވިގެން ކަމަށްވެސް އިބޫ ވިދާޅުވި އެވެ. އަދި މިހާރަށްވުރެ ރަނގަޅަށް ރާއްޖެގެ އެކި ކަންކޮޅުތަކުގައި ތަރައްގީ މަޝްރޫއުތައް އެބަ ހިންގެން ޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ.