ރާއްޖޭގައި ހިނގާ މަރުގެ މައްސަލަތަކަށް އިންސާފު ލިބުން ލަސްވަނީ ކޮރަޕްޝަނާ ނުފޫޒުގެ ސަބަބުން ކަމަށް ޑިފެންސް މިނިސްޓަަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަރީފް މިރޭ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައަކީ ގައުމީ ބޮޑު މައްސަލައެއް ކަަމަށާއި އަދި އެ ވާހަކަ ދައްކާތީ ބައެއް މީހުން ކަންބޮޑުވަނީ ކީއްވެތޯވެސް ވަނީ ސުވާލު އުފައްދައިފައެވެ.

މިނިސްޓަރު ވިދާޅުވީ ކޮރަޕްޝަނަކީ ހަމައެކަނި ފައިސާއަށް ހިޔާނާތްވުން ނޫން ކަމަށެވެ. އެގޮތުން ބަގާވާތް ކުރުމަކީވެސް ބޮޑު ހިޔާނާތެއް ކަމަށާއި އަދި މަގާމާއި ނުފޫޒުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުމަކީވެސް ކޮރަޕްޝަން ކަަމަށެވެ.

ރަހަމްކުޑަ އަނިޔާވެރި ގޮތަކަށް މަރާލި ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ މައުލޫމާތު އެނގޭ މީހުން އެ ވާހަކަތައް ނުދައްކާ މަޑުކުރަނީ ކޮރަޕްޝަންގެ ކަމެއް އޭގައި އުޅޭތީތޯވެސް މިނިސްޓަރު ވަނީ ސުވާލު އުފައްދަވައިފައެވެ.

" އެ ފަދަ ވާހަކަތައް ހާމަކުރާނަމަ އެގޮތަށް މަރާލާފައިވާ ރ. މީދޫ އަނަސް ފަދަ އެތައް ބައެއްގެ އިންސާފު ހޯދަން ފަސޭހަވާނެ. މީހުންގެ މަރުގެ އިންސާފު ނުލިބުނީވެސް އަދި އިންސާފު ލިބުން ލަސްވަނީވެސް ކޮރަޕްޝަންއާއި ނުފޫޒް ވަންނާތީ." މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ފަހުގެ ތާރީހުގައި ހިނގި އެންމެ ފާހަނގަކޮށްލެވޭ މަރުގެ ހާދިސާތައް ކަމަށްވާ އަފްރާޝީމް، ބޮލޮގަރު ޔާމީން ރަޝީދު އަދި ނޫސްވެރިޔާ ޔާމީންގެ މައްސަލަ އަލުން ބަލެމުން ނިންމައިފައިވާ ކަމަށް މިއަދު ފުލުހުން ވަނީ ބުނެފައެވެ. އެ މަރުގެ މައްސަލަތަކުގައި އިންސާފު ނުލިބޭކަމަށް ބުނެ އެމީހުންގެ އާއިލާތަކުން އަބަދުވެސް ދަނީ ކަންބޮޑުވުން ފާޅު ކުރުމުންނެވެ.