ފުލުހުން ހިންގާފައިވާ އެކި އޮޕަރޭޝަންތަކާއި އެކި މައްސަލަ ތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން ތަހުގީގް ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި މިއަދު ނައްތާލައިފިއެވެ.

ދޫނިދޫގައި އެ ތަކެތި ނައްތާލައިފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ފުލުހުން ބުނީ އެ މިއަދު ނައްތާލާފައިވަނީ މިއަހަރު މިހާތަނަށް ފުލުހުންނަށް ހުށަހެޅި، ތަހުގީގް ނިމިފައިވާ 201 މައްސަލައެއްގައި ހިމެނޭ 827 ރަބަރު ޕެކެޓާއި 290 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 9 ދަޅުގެ އިތުރުން ބްލެޓް ސައިޒުގެ ރަބަރު ޕެކެޓަކާއި 20 ބިޑި އާއި އެހެނިހެން 152 އައިޓަމާއި ބޭހުގެ ގޮތުގައި ހިމެނޭ 387.724 ގްރާމްގެ ބޭސް ކަމަށެވެ.

މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ޖުމްލަ 99918.0104 ގްރާމްގެ ހެރޮއިން އާއި ޖުމްލަ 4009.4909 ގްރާމްގެ ކެނަބިސް ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެކި މައްސަލަތަކުގައި ފުލުހުން އަތުލައިގަންނަ މަސްތުވާތަކެއްޗާއި ބަނގުރާ ޤާނޫނީ ހަމަތަކުގެ މަތިން ނައްތާލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އެގޮތުން މިއަހަރު އެކި ފަހަރުމަތިން ގިނަ ޢަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތީގެ ހިކި ބާވަތްތައް ވަނީ ނައްތާލައިފައެވެ.