26 Sep 2011, 11:30
އޭޝިއަން ޓްރައިތްލޯން ކޮންފެޑޭރޭޝަންގެ މެންބަރު ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ. ޓްރައިތްލޯންއަކީ ފެތުމާއި ބައިސްކަލް ދުއްވުމާއި ދުވުން ހިމެނޭ މުބާރާތެކެވެ.
ޓްރައިޓްލޯންގެ ފުލް މެންބަރުކަން ރާއްޖެއަށް ލިބުނީ، މުބާރާތުގައި އަލަށް ބައިވެރިވެ، މިދިޔަ ހޮނިހިރު ދުވަހު ޗައިނީސް ތައިޕެއިގައި ކުރިއަށްދިޔަ، އޭޝިއަން ޓްރައިތްލޯން ކޮންފެޑޭޝަންގެ 20 ވަނަ ކޮންގްރެސްގައި ރާއްޖެއިން ބައިވެރި ވުމުންނެވެ.
ރާއްޖޭގެ އިތުރުން މިފަހަރު އަލަށް މެންބަރުކަން ލިބުނީ އިރާގަށެވެ.
ކްންގްރެސްގައި ބައިވެރިވި ރާއްޖޭގެ ޓްރައެތްލޯން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ އިބްރާހިމް ވިދާޅުވީ، ކޮންފެޑެރޭޝަންގެ ފުލް މެންބަރުކަން ރާއްޖެއަށް ލިބުމުން މިދާއިރާއިން މީހުން ތަމްރީން ކުރުމަށާއި އަދި ޓެކްނިކަލް އެހީތެރިކަން ރާއްޖެއަށް ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގައި މިކުޅިވަރު ތަރައްޤީ ކުރުމަށް އިތުރު އެހީތެރިކަން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.