އިސްލާމިކް ޔުނިވާސިޓީން ގެއްލުނު ލެޕްޓޮޕްތައް ހޯދައިފިއެވެ.

އިސްލާމިކް ޔުނިވާސިޓީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ޔުނިވާސިޓީގެ އެކަޑެމިކް މުވައްޒިފުން ބޭނުންކުރަމުން ގެންދިޔަ ހަ ލެޕްޓޮޕެއް ގެއްލުނު ކަމަށާއި ނަމަވެސް އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން، އެކަން ތަހުގީގްކޮށް އެ ލެޕްޓޮޕްތައް ހޯދައި މިހާރު އެ ޔުނިވާސިޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ތިން ދިވެހި ފިރިހެނަކާއި އަދި ބިދޭސީ ފަސް ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހައްޔަރުކުރި ތިން ދިވެހިންގެ ބަންދަށް 10 ދުވަސް ޖަހައިދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކުރި އަނެއް ފަސް ބިދޭސީންނަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވުމާއެކު އެމީހުން އިމިގްރޭޝަނާ ހަވާލުކުރުމަށް ނިންމައިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އިސްލާމިކް ޔުނިވާސިޓީން ކުރިން ނެރުނު ބަޔާނުގައި ބުނީ ލެޕްޓޮޕްތައް ގެއްލުނު ނަމަވެސް އެ ޔުނިވާސިޓީން މިހާރު ކުރިއަށް ގެންދާ އިމްތިހާނުގެ ސައްހަކަމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

"ދަރިވަރުންގެ އިމްތިހާންތައް ދޭނީ ޝައްކެއް ނެތް މިންވަރަށް އިމްތިހާންގެ ކަންކަން ކަށަވަރުކުރުމަށް ފަހު . ދަރިވަރުންގެ އިމްތިހާން ކުރުމާއި ފެންވަރު ވަޒަންކުރުމުގެ ގަވައިދުގައިވާ ގޮތަށް ކަމުގައި ޔަގީންކޮށްދެމެވެ." އިސްލާމިކް ޔުނިވާސިޓީގެ ބަޔާނުގައި ވެއެވެ.