05 Nov 2018, 19:46
އެކަށީގެންވާ ޖާގަ ނެތުމުގެ ސަބަބުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރާ ރަސްމިއްޔާތު އާންމުންނަށް ހުޅުވާނުލަން ނިންމައިފިއެވެ.
ހުވާ ކުރުމުގެ ރަސްމިއްޔާތާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ހުވާ ކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކޮމެޓީއަކުން ކަމަށާއި އަދި އެ ކޮމެޓީއަށް ރައީސް ބޭނުންވާ ގޮތަށް އެ ރަސްމިއްޔާތު ކުރިއަށްގެންދިއުމަށް ރުހުން ލިބިފައިވާ ކަމަށެވެ.
ހަސަން ވިދާޅުވީ، އިބޫ ހުވާކުރުމުގެ ރަސްމިއްޔާތު ކުރިން ބޭނުންވީ އާންމުންގެ ވީހާވެސް ގިނަ ބަޔަކަށް ހުޅުވާލައިގެން ކުރިއަށްގެންދަން ކަމަށެވެ. އަދި އެ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި ބާއްވަން ހިޔާރުކުރީވެސް އެހެންވެގެން ކަމަށް ހަސަން ވިދާޅުވިއެވެ.
އެހެން ނަމަވެސް ރާއްޖެއާ ރާއްޖެއިން ބޭރުގެ ވަރަށްް ފަރާތަތްތަކަށް ޖާގަ ކަނޑައެޅުމަށް ފަހު، އާންމުންނަށް އެކަށީގެންވާ ވަރަށް ޖާގަ ނޯންނާނެ ކަމަށް ހަސަން ވިދާޅުވިއެެވެ. އެގޮތުން އެ ރަސްމިއްޔާތުގައި ބައިވެރިވާން 104،000 ދިވެހިން ބޭނުންވާކަމަށް ލަފާކުރެވޭ ކަމަށް ހަސަން ވިދާޅުވިއެވެ.
"އެގޮތަށް ހެޑް އޮފް ސްޓޭޓުން ބައިވެރިވެވަޑައިގަންނަވާއިރު، އެބޭފުޅުންގެ ސެކިޔުރިޓީއާއި ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ބެލެެހެއްޓޭނެގޮތަކަށް އެބޭފުޅުންގެ ފަރާތުންވެސް އަދި އެބޭފުޅުން ތަމްސީލް ކުރައްވާ ސަރުކާރުތަކުންނާއި، އަދި އަޅުގަނޑުމެންގެ ވެސް ސެކިޔުރިޓީ އެކިއެކި ބޭފުޅުންގެ ލަފައަކީ ދައުވަތު އެރުވޭ ބޭފުޅުންނަށް ހަމައެކަނި ހުޅުވާލައިގެން ބައިވެރިވެވޭ ގޮތަށް ގަަލޮޅު ދަނޑުގައި ހުވާކުރުމުގެ ރަސްމިއްޔާތު ގެންދިއުން". ލަތީފް ވިދާޅުވިއެވެ.
ގަލޮޅު ދަނޑުގެ ޖާގައަކީ 11،500 އެވެެ. އެހެންކަމުން އެ އަދަަދަށް ޖާގަ ދިނުމަށް މަސައްކަތް ކުރަންދާކަމަށް ހަސަން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ރަސްމިއްޔާތަށް ގިނަ އަދަދެއްގެ ގައުމުގެ އިސްވެރިންނަށް ޖާގަ ދީފައިވާ ކަމަށެވެ.
އިބޫ ރައީސް ކަމުގެ ހުވާ ކުރުމަށް ހަމަޖެހިފައިވަނީ މިމަހު 17 ވަނަ ދުވަހު ހަވީރު 5 އެއް ޖަހާއިރުއެވެ. އަދި އެ ރަސްމިއްޔާތު ދެމިގެންދާނީ އެއްމެ ގަޑިއިރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި އާންމުންގެ ގިނަ ބަޔަކަށް ބައިވެރިނުވެވުނު ނަމަވެސް މާލޭގެ ދަތަނެއްގައި ބޮޑު ސްކްރީން ބަހައްޓައި އެ ރަސްމިއްޔާތު ވަގުތުން ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމައިފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.