05 Nov 2018, 20:04
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު 12 މެމްބަރުން ބޭއްވި ބައްދަލުވުމުގައި އެ މެމްބަރުން ވީ ގުރުބާނީގެ ހައްގުގައި ޓިކެޓް ދޭންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރަކު 'ސަން' އަށް ވިދާޅުވީ ކޯލިޝަނުގެ ލީޑަރުންގެ މެދުގައި ކުރިންވެސް މަޝްވަރާ ކުރެވިފައިވާ ގޮތަށް އެ މެމްބަރުންނަށް މަޖިލީހުގެ މެމްބަރުކަން ހޯދައި ދިނުމުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށެވެ.
" ނަޝީދު ވިދާޅުވި 12 މެމްބަރުން ވީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް ތިމަންނަ ގަބޫލުކުރަމޭ. އެހެންވީމަ އެ މެމްބަރުންނަށް ދެން އޮންނަ ދައުރަކަށް މަޖިލީހަށް ވަންނަން ފުރުސަތު ދިނުން ހައްގު ކަމަށް،" 12 މެމްބަރުންގެ ތެރެއިން މެމްބަރަކު ވިދާޅުވި އެވެ.
މެމްބަރުން ވިދާޅުވާ ގޮތުން އެ މެމްބަރުންނަށް އެމީހުން މިހާރުވެސް ތިބި ދާއިރާތަކުގެ ޓިކެޓްތައް ދޭން ކޯލިޝަނުގެ ލީޑަރުންގެ މެދުގައި އޮތީ މަޝްވަރާކޮށް ނިންމާފަ އެވެ.
އެ ދާއިރާތަކަށް މެމްބަރުން ހޮވައިދޭން ގުޅިފައިވާ ޕާޓީތަކަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ރައީސް ނަޝީދާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި 12 މެމްބަރުންނަށް މަޖިލީހުގެ ގޮނޑި ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. މުސްތަފާ ދެކެވަޑައިގަންނަވާ ގޮތުގައި 12 މެމްބަރުންނަށް އެމީހުންގެ ދާއިރާތައް ލިބެން ޖެހެ އެވެ.
Miadhu RN aai 12MPs Bahdhalu kurumun vidhaalhuvi 12MPs ge gondi kashavarukoh devvaane kamah..! 12,MPs ge dhaairaa thah e 12 MPs nah libenjeheyne, dhigu koh bunchas kurukoh bunyes Vaahaka akee eii.
— Mohamed Musthafa (@Thimarafushi)November 5, 2018
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރައިމެރީ އަކާ ނުލައި ޓިކެޓު ދިނުމަށް ކޯލިޝަން ލީޑަރުން ނިންމާފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ މިއަދު ޓްވީޓެއް ކުރައްވާ ވިދާޅުވެފަ އެވެ.
މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުގެ މައްސަލަ 2017 ވަނަ އަހަރު ވެއްދި އިރު މަސީހާ ދެކޮޅަށް ސޮއިކުރި މައްސަލާގަ އެވެ. އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް މިހާރު ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.