05 Nov 2018, 18:38
މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީއަށް ގޮނޑި އިތުރު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާއިފި އެވެ.
އައްޑޫ ސިޓީއަށް އިތުރު ދެ ދާއިރާ އިތުރު ކޮށް ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ ކޮމިޝަނުގައި އެދެފި އެވެ.
އިލެކްޝަން ކޮމިޝަންގެ ތަރުޖަމާނު އަދި އެ ކޮމިޝަންގެ މެމްބަރު، އަހްމަދު އަކުރަމް މިއަދު "ސަން" އަށް ވިދާޅުވީ، އެ ކޮމިޝަންގެ ބައްދަލުވުމުން މިއަދު ނިންމާފައިވަނީ މާލޭ އަށް ދެ ގޮނޑި އިތުރުކުރުން ފިޔަވާ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް އިތުރު ދައިރާ އަކަށް އިތުރު ގޮނޑިއެއް އިތުރު ނުކުރަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ހުށަހެޅުމެއް އާއި ގއ. ކޮލަމާފުއްޓަށް ވެސް ގޮނޑިއެއް އިތުރު ކުރުމަށް ނަމަވެސް އިސީ އިން ނިންމީ މާލެ އަށް އިތުރު ކުރި ދެ ގޮނޑިއާ އެކު އިތުރު އެއްވެސް ދައިރާ އަކަށް ގޮނޑި އިތުރު ނުކުރުމަށް،" އީސީގެ ތަރުޖަމާނު "ސަން" އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ނިންމީ ގާނޫނުގައި ބުނާ ގޮތަށް ދައިރާތައް ކަނޑައެޅުމުގައި ހުރިހާ ފާރާތެއްގެ ހިޔާލާ މަޝްވަރާ ހޯދުމަށް ފަހު އެންމެ މަސްލަހަތު ރަނގަޅު ގޮތަށް ބެލުމަށް ފަހުގައި ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން މީގެ ކުރިން އެދިފައިވަނީ މުޅި އައްޑޫ ސިޓީއަށް ދެ ގޮނޑި އިތުރުކޮށްދިނުމަށެވެ. އެއީ މީދޫ އެކަނި އެއީ އިންތިޚާބީ ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށާއި މިހާރު މީދޫ ދާއިރާގައި ހިމެނޭ މަރަދޫފޭދޫ އާއި ފޭދުގެ ބައެއް އެއްކޮށްލުމަށްފަހު އެއް ދާއިރާ އެއްގެ ގޮތުގައި ހަމަޖެއްސުމަށެވެ. އަދި ހިތަދޫ އަށް އާ ދާއިރާއެއް ކަނޑައަޅައިދިނުމަށް ވަނީ އެދިފައެވެ.
އިލެކްޝަން ކޮމިޝަނުން މާލެއަށް އިތުރުކޮށްފައިވަނީ މައްޗަންގޮޅި މެދު އަދި ހެންވޭރު ހުޅަނގު ދައިރާ އެވެ. މަޖިލީހަށް އިތުރުވި ދެ ގޮނޑިއާ އެކު، 18 ވަނަ ރައްޔިތުންގެ މަޖިލިސް ގައި 87 މެމްބަރުން ތިއްބަވާނެ އެވެ.