05 Nov 2018, 21:05
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕްރައިމަރީ އަކާ ނުލައި ސިޔާސީ ޕާޓީއެއް ތަމްސީލް ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދިނުމާ ދެކޮޅަށް ގިނަ ބަޔަކު ޝުއޫރު ފާޅުކުރަން ފަށައިފި އެވެ.
އާންމުން އެ ގޮތަށް ވާހަކަ ދައްކަން ފަށާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް މީގެ ކުރިން އިލެކްޝަން ކޮމިޝަނުން ނިންމި 12 މެންބަރުންނަށް ޕްރައިމަރީ އަކާ ނުލައި ޓިކެޓް ދިނުމަށް އިދިކޮޅު ހަތަރު ލީޑަރުން އެއްބަސް ވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
All coalition partners have already agreed to support the candidacy of the 12 MPs in their respective constituencies without going through a primary in the 2019 Majlis elections.
— Maumoon Abdul Gayoom (@maumoonagayoom)November 5, 2018
އެގޮތުން އިދިކޮޅު ހަތަރު ލީޑަރުންގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕްރައިމެރީ އަކާ ނުލައި 12 މެމްބަރުންނަށް މަޖިލިސް ޓިކެޓު ދޭން އިދިކޮޅު ޕާޓީތަކުގެ ހުރިހާ ލީޑަރުން އެއްބަސްވެފައިވާ ކަމަށެވެ.
ރައީސް މައުމޫނުގެ އެ ބަސްފުޅަށް ބާރު ލިބޭ ގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަފުޅު ދައްކަވާފައިވާ ކަމަށް އެމަނިކުފާނާއި މިއަދު ބައްދަލު ކުރެއްވި 12 މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ވަނީ ބުނެފަ އެވެ.
ނަމަވެސް އެ ނިންމުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ބީރައްޓެހި ނިންމުމެއް ކަމަށް ބުނެ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް އެކްޓިވިސްޓުންނާއި އާންމުން އަންނަނީ ސޯސަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންނެވެ.
އެގޮތުން އިދިކޮޅު އެމްޑީޕީގެ އިސް އެކްޓިވިސްޓަކު ބުނީ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި އެއްވެސް ދާއިރާ އަކަށް ވާދަވެރިކަން ނެތި ތަބަކަކަށް ލާފައި ޓިކެޓް ދިނުމަކީ ޑިމޮކްރެޓިކް އުސޫލެއް ނޫން ކަމަށެވެ.
Primary akaa nulaa ehves dhaairaa ehge ehves gondi ehves meehakaa dhinumaa dhekolhu.
— Luke (@Lucasjalyl)November 5, 2018
"ބާރަ މެންބަރުން ވެސް ޕްރައިމަރީތަކުގައި ވާދަކޮށް ޓިކެޓް ހޯދުން އެ ދާއިރާތަކުގެ މަސްލަހަތު ހުރި ގޮތް،" ޕްރައިމަރީއަކާ ނުލައި 12 މެންބަރުންނަށް ޓިކެޓް ދިނުމާ ދެކޮޅަށް ޓްވިޓާގައި ހިޔާލުފާޅުކުރަމުން މީހަކު ބުންޏެވެ.
އެހެން މީހަކު ބުނީ ޕާޓީތަކުގެ އަސާސީ ގަވާއިދު ފުނޑާލާފައި އެކަން އެގޮތަށް ނުކެރެވޭނެ ކަމަށާއި ހަތަރު ލީޑަރުންނަށް ވަރަށް ބޮޑަށް 'ސޮރީ' ދަންނަވާ ކަމަށެވެ.
"ކޮބައިތޯ އެ ދާއިރާ ރައްޔިތުންގެ ހައްގުތައް؟ ކޮންމެ ރައްޔިތަކަށް ވެސް އޮންނަން ވާނެ ޕާޓީ ތެރެއިން އަދި ވަކިން ވެސް ކުރިމަތިލުމުގެ ހައްގު. ތީތި ގޯހޭ ސާރ،" މައުމޫނުގެ ޓްވީޓަށް ރައްދު ދެއްވި މީހަކު ބުނެފައިވެ އެވެ.
Rayyithun mi memberun balayeh nugannaane. Yameen emeehunnah goanaa kureema eyge maanayakee vedhumah gondi dhinumeh noon.
— HAdam (@hilantey)November 5, 2018
ޕްރައިމަރީ އަކާ ނުލައި ޓިކެޓް ދިނުމަށް ގިނަ އާންމުންގެ ދެކޮޅު ހަދާއިރު 12 މެންބަރުންގެ ތެރެއިން އެއް މެންބަރަކު ވިދާޅުވީ ޕާޓީތަކުން ދެކޭ ގޮތް އެ ޕާޓީއަކުން ހާމަ ކުރާނެ ކަމަށާއި ލީޑަރުންގެ ނިންމުންތަކަށް އިހްތިރާމް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ވެސް އުންމީދުތަކެއް އޮވެގެން ވަރަށް ބުރަކޮށް ވޭތުވެ ދިޔަ ދުވަސްތަކުގައި މަސައްކަތް މިކުރީ. އުންމީދު ކުރަނީ ޕާޓީތަކުގެ ލީޑަރުން ވައުދުވެފައިވާ ގޮތަށް ކަންކަން ނިމިގެން ދާނެ ކަމަށް،" 12 މެންބަރުންގެ ތެރެއިން އެހެން މެންބަރަކު ވިދާޅުވި އެވެ.
ޕްރައިމަރީ އަކާ ނުލައި 12 މެންބަރުންނަށް ޓިކެޓް ދިނުމަށް އިދިކޮޅު ހަތަރު ލީޑަރުން އެއްބަސްވެފައިވާ ކަމުގެ އަޑުތައް ގަދެވެފައިވާ އިރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ދާދި ފަހުން ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި ކަންކަން ނިންމާނީ އެ ރައްޔިތުންގެ ބަހާއި ލަފާ ހޯއްދެވުމަށްފަހު ގައި ކަމަށެވެ.