05 Nov 2018, 17:03
އަނިޔާވެރި، ރަހުމްކުޑަގޮތަކަށް އަވަހާރަކޮށްލާފައި އޮއްވާ ފެނުނު މަޝްހޫރު ދީނީއިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީއާއި ބްލޮގަރު ޔާމީން ރަޝީދު އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ އަލުން ބަލަން ފުލުހުން ނިންމައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސާސް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ފަރާތްތަކުގެ މަރުގެ މައްސަލަ އަލުން ބަލައި އަދި އިތުރަށް ކުރެވެން ހުރި ހުރިހައި ކަމެއް ކުރަމުންގެންދާ ކަމަށެވެ.
އަފްރާޝީމް އަވަހާރަކޮށްލާފައި އޮއްވާ ފެނުނީ 2012 ވަނަ އަހަރު އޭނާ ދިރިއުޅުއްވި ގޭގެ ސިޑި ގޮޅި ކައިރީގައެވެ. އެ ހާދިސާގައި ހ. ލޮބީ، ހުސައިން ހުމާމްއާއެކު އިތުރު ބަޔަކު ހައްޔަރުކުރި ނަމަވެސް ހުމާމް ފިޔަވައި އެންމެން ވަނީ ދޫކޮށްލައިފައެވެ. ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފައެވެ.
އަފްރާޝީމަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި ހ. ހިކޯސްޓް، އަލީ ޝާންގެ މައްޗަށް ވެސް ދައުވާކުރިއެވެ. ނަމަވެސް އެ ދައުވާ ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.
ބްލޮގަރު ޔާމީން ރަޝީދޫ މަރާލައިފައި އޮއްވާ ފެނުނީ 2016 ވަނަ އަހަރު އޭނާ ދިރިއުޅުނު ގޭގެ ސިޑި ގޮޅި ކައިރީގައެވެ. އެ މައްސަލައިގައި ހަ މީހެއްގެ ޝަރީއަތް މިހާރުވެސް ކުރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނީ 2014 ވަނަ އަހަރުއެވެ. ރިލްވާން ގެއްލުނު ފަހުން މިހާތަނަށްވެސް އޭނާގެ ހިލަމެއް ނުވެއެވެ. އެ ހާދިސާގައި ދެ މީހެއްގެ މައްޗަށް ދައުވާކުރި ނަމަވެސް ސާބިތު ނުވެގެން އެ މީހުން ވަނީ ދޫކޮށްލައިފައެވެ.