ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރައިމެރީ އަކާ ނުލައި ޓިކެޓު ދިނުމަށް ކޯލިޝަން ލީޑަރުން ނިންމާފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ ޕްރައިމެރީ އަކާ ނުލައި 12 މެމްބަރުންނަށް މަޖިލިސް ޓިކެޓު ދޭން އިދިކޮޅު ޕާޓީތަކުގެ ހުރިހާ ލީޑަރުން އެއްބަސްވެފައިވާ ކަމަށެވެ.

މިއަދު ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ބޭއްވި ބައްދަލުވުމަށް ފަހު 12 މެމްބަރުން މީޑިއާ އަށް ވިދާޅުވީ، އެ މެމްބަރުންނަށް ޕްރައިމެރީ އަކާ ނުލައި ޓިކެޓު ދިނުމާ ގުޅޭ ގޮތުން ރައީސް ނަޝީދުއާ މަޝްވަރާ ކުރެއްވި ކަމަށެވެ.

ބާރަ މެމްބަރުންނަށް ޕްރައިމެރީ އަކާ ނުލައި ޓިކެޓު ދޭން އުޅޭ ކަމުގެ އަޑު ފެތުރުމާ އެކު އެއީ ޑިމޮކްރެސީގެ އުސޫލާ ހިލާފު ބޭ އިންސާފުވެރި ނިންމުމެއް ކަމަށް މީސް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.