ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގައި ކޯޗެއް ނެތުމުން، އެ މަޤާމަށް ޝަރުތުހަމަވާ ކޯޗަކު ހޯދުމުގެ މަސައްކަތް ފަށާފައި ވާއިރު، ކުރިއަށް އޮތް ދެ ދުވަސްތެރޭގައި ކޯޗަކު މުޅިން ފައިނަލް ވާނެ ކަމަށް އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ، މިހާރުވެސް ދެ ކޯޗަކާއެކު ވާހަކަ ދެކެވެމުން އަންނަ ކަމަށާއި އަދި ގޮތެއް ނުނިންމިގެން އުޅެނީ ނިންމަންޖެހޭ ކަންތައްތަކެއް ނުނިންމި ހުރުމުން ކަމަށެވެ. އަދި މިވަގުތު އެފްއޭއެމް އިން ވާހަކަ ދައްކަމުން އަންނަ ދެ ކޯޗަކީ ކޮން ގައުމެއްގެ ކޯޗެއްކަން އާޒިމް ވިދާޅެއް ނުވެއެވެ.
" އަދި ވެސް ދެ ކޯޗަކާއެކު ވާހަކަ ދައްކަމުން މިދަނީ. އިރާދަ ކުރެއްވިޔާ ކުރިއަށް އޮތް ދެ ދުވަހެއްގެތެރޭގަ ފައިނަލް ކޮށްލެވޭނެ. ނިންމަންޖެހޭ ކަންތައްތަކެއް ނުނިމިގެން މިހާ ލަސްމިވަނީ" އާޒިމް ވިދާޅުވިއެވެ.

ދިވެހި ޓީމްގެ ކޯޗު ކަމުން އާޖެންޓީނާގެ ކުރިސިއާނީ ވަކިކޮށްފައި ވަނީ މިމަހުގެ 15އިގަ އެވެ. އޭނާ މަގާމުން ވަކިކުރީ އެފްއޭއެމްގެ އެކްސްކޯ އިން ނެވެ.

އާޒިމް ވިދާޅުވީ، ޝައުގުވެރިކަން ފާޅުކޮށް، ބައެއް ކޯޗުން ޕްރޮޕޯޒަލް ހުށަހަޅާފައިވާއިރު، އެ ހުށަހެޅުންތައް މިހާރު އެފްއޭއެމް އަށް ލިބިފައިވާ ކަމަށެވެ. މިވަގުތު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކޯޗުން ޓީމާއެކު މަސައްކަތް ކުރާނީ ކިހާވަރެއްގެ އަގަކަށްތޯ ބަލަން ޖެހޭ ކަމަށާއި ފެންވަރަށް ބެލުމަށްފަހު އެކަން ވެސް ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.