26 Sep 2011, 07:48
ރާމަﷲ (ސެޕްޓެމްބަރ 26) : ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާއި ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫޢު ހުއްޓާލުމުގެ މައްޗަށް ނޫންގޮތަކަށް އިސްރާއީލާއެކު ސުލްޙައިގެ ވާހަކަ ނުދައްކާނެކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދް ޢައްބާސް ވިދާޅުވެއްޖެއެވެ.
ފަލަސްތީނުގެ ދައުލަތަށް އދ. ގެ މެންބަރުކަން ހޯދުމުގެ މައްސަލަ އދ. އަށް ހުށަހެޅުމަށް ނިޔުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ޤައުމަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ޢައްބާސް ވިދާޅުވީ ފަލަސްތީނުގެ ދައުލަތެއް ޤާއިމް ކުރުމުގެ ޑިޕްލޮމެޓިކް ދަތުރު ފެށިއްޖެ ކަމުގައެވެ. މިދަތުރު ކާމިޔާބު ކުރުމަށްޓަކައި ނުފޮރޮޅާނެ އެންމެ ގާކޮޅެއްވެސް ނުބާއްވާނެ ކަމަށާ އިސްރާއީލާއެކު ސުލްޙައިގެ ވާހަކަތައް ދެން ފަށާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާއި ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫޢު ހުއްޓާލުމުގެ މައްޗަށް ކަމަށް ޢައްބާސް ވިދާޅުވިއެވެ.
ޢައްބާސް ގެ ވާހަކަފުޅަށް ރައްދު ދެއްވަމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ އެއްވެސް ޝަރުތެއް ކުރިމަތިނުކޮށް އިސްރާއީލާއެކު ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް ފަލަސްތީނުގެ ޒާތީ އިދާރާއަށް ގޮވާލައްވާފައެވެ. ނަމަވެސް ފަލަސްތީނުގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ނަބީލް އަބޫރުދައިނާ ވިދާޅުވީ ވަގުތުނަގާލާގޮތަށް އިސްރާއީލާއެކު ސުލްޙައިގެ ވާހަކަތައް ދެން ނުފެށުމަށް ފަލަސްތީނުން ނިންމާފައިވާ ކަމުގައެވެ.
ފަލަސްތީނުގެ ދައުލަތަށް އދ. ގެ މެންބަރުކަން ހޯދުމުގެ މައްސަލަ އދ.އަށް ހުށަހެޅުމަށް ނިޔުޔޯކަށް ކުރެއްވި ތާރީޚީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ޤައުމަށް ވަޑައިގަތުމުން ފަލަސްތީނުގެ އެތަށް ހާސްބަޔަކު ރާމަﷲ ގައި ޢައްބާސްއަށްވަނީ ބަތަލެއްގެ މަރްޙަބާއެއް ދަންނަވާފައެވެ. -- އަލްޖަޒީރާ