ވޮޝިންޓަން (ސެޕްޓެމްބަރ 26) : ހަނަފަސްކަމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެފްރިކާގެ ދަޅު ސަރަޙައްދުގެ (ހޯން އޮފް އެފްރިކާ) ޤައުމުތަކަށް މާލީއެހީ ދޭ މިންވަރު ހަތަރު ގުނައަށް އިތުރުކުރުމަށް ވޯލްޑް ބޭންކުން ނިންމައިފިއެވެ.
މިކަން ހާމަކުރައްވަމުން ވޯލްޑް ބޭންކްގެ ރައީސް ރޮބަޓް ޒޯލިކް ވިދާޅުވީ ހަނަފަސްކަމުގެ މައްސަލަ ކުރިމަތިވެފައިވާ އެފްރިކާގެ ދަޅު ސަރަޙައްދުގެ ޤައުމުތަކަށް ދިނުމަށް ކުރިން ހަމަޖައްސާފައިވަނީ 500 މިލިޔަން ޑޮލަރު ކަމަށާއި އޭގެބަދަލުގައި 1.9 ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ވޯލްޑް ބޭންކުން މިހާރު ނިންމާފައިވާ ކަމުގައެވެ.

ހަނަފަސް ކަމުގެ ސަބަބުން އެފްރިކާގެ ދަޅުގެ ސަރަޙައްދުގެ ފަސް ޤައުމެއްގައި 13 މިލިޔަން މީހުން ހައިހޫނުކަން ތަޙައްމަލްކުރަމުން ގެންދެއެވެ. މިފަސް ޤައުމަކީ ސޮމާލިޔާ، ޖިބޫތީ، އިތިއޮޕިޔާ، ކެންޔާ އަދި ޔުގަންޑާއެވެ. މީގެތެރެއިން ސޮމާލިޔާގައި އެކަނިވެސް ފަސް މިލިޔަންމީހުން ގެންދަނީ ހައިހޫނުކަމުގެ ވޭން އުފުލަމުންނެވެ. މިފަސް ޤައުމުގެ ތެރޭން ހަނަފަސްކަމާއި ކާބޯތަކެތި ނެތިގެން ބަނޑަށް ޖެހުމުގެ މައްސަލަ އެންމެ ބޮޑުވެފައިވަނީ ސޮމާލިޔާގައެވެ.

މިޤައުމުތަކަށް 1.9 ބިލިޔަން ޑޮލަރުގެ އެހީގެ ޕެކެޖެއް ދެނީ އެޤައުމުތަކުގެ ރައްފުށުގެ ހިސާބުތައް އިޤްތިސާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ތަރައްޤީ ކުރުމަށެވެ. މީގެތެރޭގައި ދަނޑުވެރިކަމާއި ސާފުބޯފެނާއި ހިޔާވަހިކަމާއި ސިއްހީ ފަރުވާ ގެރެންޓީ ކުރެވޭ ބާވަތުގެ ދިގުމުއްދަތުގެ ސްޓްރެޓީޖިކް މަޝްރޫޢުތައް ތަންފީޒުކުރުން ހިމެނެއެވެ. އެފްރިކާގެ ދަޅުގެ ޤައުމުތަކަކީ ހަނަފަސްކަމުގެ މައްސަލަ ދުނިޔޭގައި މިހާރު އެންމެ ބޮޑަށް ކުރިމަތިވެފައިވާ ޤައުމުތަކެވެ. މީގެއިތުރުން އެންމެ ގިނަދުވަސްވީ އަހްލީ ހަނގުރާމަތައް ހިނގަމުންދާ ޤައުމުތައްވެސް ހިމެނެނީ މިސަރަޙައްދުގައެވެ.

އެފްރިކާގެ ދަޅުގެ ޤައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަނޅުކޮށް ދާއިމީ ގޮތަކަށް ހައިހޫނުކަން ފިލުވާލުމުގެ މަޝްރޫޢުތަކެއް އެޤައުމުތަކުގެ ރަށްފުށުގެ ހިސާބުތަކުގައި ހިންގުމަށްޓަކައި 15 ވަރަކަށް ބިލިޔަން ޑޮލަރުގެ ޕެކެޖެއް ބޭނުންވާނެ ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. -- އަލްޖަޒީރާ