05 Nov 2018, 01:41
ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީއަށް އިތުރު ދެ ދާއިރާ އިތުރު ކޮށް ދިނުމަށް ސިޓީ ކައުންސިލުން އިލެކްޝަން ކޮމިޝަން (އީސީ) ގައި އެދެފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން އެގޮތަށް އެދިފައިވަނީ އީސީން އެ ސީޓީ އަށާއި ފުވައްމުލަކު ސިޓީ އަށް ކުރި ދަތުރުގައި ކޮމިޝަނުގެ މެންބަރުންނާއި ބައްދަލު ކުރައްވަ އެވެ.
އެގޮތުން އައްޑޫ ސިޓީ ކައުންސިލުން އެދިފައިވަނީ މުޅި އައްޑޫ ސިޓީއަށް ދެ ގޮނޑި އިތުރުކޮށްދިނުމަށެވެ. އެއީ މީދޫ އެކަނި އެއީ އިންތިޚާބީ ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށާއި މިހާރު މީދޫ ދާއިރާގައި ހިމެނޭ މަރަދޫފޭދޫ އާއި ފޭދުގެ ބައެއް އެއްކޮށްލުމަށްފަހު އެއް ދާއިރާ އާއި އަދި ހިތަދުއަށް އާ ދާއިރާއެއް ކަނޑައަޅައިދިނުމަށް ކަމަށް އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވިއެވެ.
ނަމަވެސް އީސީން އަދި އެކަމަށް ވަކި ގޮތެއް ނުނިންމަ އެވެ. އަކްރަމް ވިދާޅުވީ އައްޑޫ ސިޓީގެ އިންތިހާބީ ދާއިރާތަކާއި މެދު އަންނަ ހަފްތާގައި ގޮތެއް ނިންމައި އިއުލާން ކުރާނެ ކަމަށެވެ.
އައްޑޫ ސިޓީ ތަމްސީލް ކުރާ ހަތް މެންބަރުން މިހާރު މަޖިލީހުގައި ތިއްބަވަ އެވެ. އެއީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އާއި ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.