26 Sep 2011, 00:31
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އެލަވަންސަށް 20000ރ. މަޖިލީހުގެ މެންބަރުންނަށް ދިނުމަށް ވެސް އަދި ނުދިނުމަށްވެސް ދައުލަތުން ނިންމާފައި ނުވާކަމަށް ސިވިލް ކޯޓްގައި މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވެއްޖެ އެވެ. ދައުލަތުން އެހެން ބުނީ ސިވިލްސާވަންޓުންގެ އަތުން އުނިކުރި މުސާރަ ނުދީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮމެޓީ އެލަވަންސް ދޫނުކުރެވޭނެކަމަށް ކަނޑައަޅައިދިނުމަށްއެދި ސ. މަރަދޫ ޕެންޒީމާގޭ މާހު ޖަބީން ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާ އާއި ގުޅިގެން ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ކޮމެޓީ އެލަވަންސް ދިނުމަށްވެސް އަދި ނުދިނުމަށް ވެސް އޮތް ހަމައެކަނި ލިޔުމަކީ ކޮމެޓީ އެލަވަންސަށްވާ ފައިސާ ޖަމާކޮށްދިނުން އެދި ފިނޭންސް މިނިސްޓަރަށް ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވާ ސިޓީ ކަމަށެވެ. ނަމަވެސް އެ ސިޓީއަށް ރައީސް އޮފީހުންވެސް އަދި ފިނޭންސް މިނިސްޓްރީން ވެސް ގޮތެއް ނިންމާފައިނުވާތީ އެފައިސާ ދޭންޖެހޭނެކަމަށް ދައުލަތުން ނިންމާފައިނުވާކަން ސާފްކޮށް އެނގޭކަމަށެވެ.
ދައުލަތުގެ ވަކީލު ވާހަކަތަކަށް ރައްދުދެއްވަމުން ދައުވާ ކުރާ ފަރާތުގެ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ ރައީސް ނަޝީދު ފިނޭންސް މިނިސްޓްރީގެ ކުރިމަތީގައި ކޮމެޓީ އެލަވަންސް ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީގެ އިސް ވެރިން ވެސް އެފައިސާ ދޭނެކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
މިވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ރައީސް ވިދާޅުވ ގާނޫނީގޮތުން ދޭންޖެހޭ އެއްޗެއް ނަމަ ދެއްވާނެ ކަމަށް ކަމަށެވެ.
މި މައްސަލައިގައި ދައުލަތުގެ ވަކީލު ވިދާޅުވީ ސިވިލްސާވަންޓުންގެ މުސާރައިގެ މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ އަމުރު އިސްތިއުނާފު ކުރުމަށް ދައުލަތުން މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަމަށާއި އެމައްސަލައަށް ގޮތެއް ނުނިމެނީސް އެ މައްސަލައާއި އެއްގޮތަކަށް ހުށަހެޅޭ މައްސަލައެއް ކޯޓަށް ހުށަހެޅިގެން ނުވާނެކަމަށެވެ.
ނަމަވެސް ދައުވާކުރާ ފަރާތުގެ ގާނޫނީ ވަކީލު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ ސިވިލްސާވަންޓުންގެ މުސާރައިގެ މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމްކޯޓުން ވަގުތީ އަމުރެއް ނުނެރެނީސް އެ މައްސަލައަކީ އަމަލުކުރެވޭނެ މައްސަލައެއް ކަމަށެވެ.
މީގެ އިތުރުން ދައުވާ ކުރާ ފަރާތުގެ ގާނޫނީ ވަކީލު ވިދާޅުވީ ސިވިލްސާވިސް މުވައްޒަފުންއަތުން ކެނޑި ފައިސާ ނުދީ މަޖިލިސް މެންބަރުންގެ އެލަވަންސް ދިނުމަކީ ގާނޫނު އަސާސީއިން ލިއްބައިދޭ ހަމަހަމަކަމާއި އެކު މަންފާތައް ލބިދިނުމުގެ ހައްގަށް އުނިކަމެއް ލިބޭ ކަމެއް ކަމަށެވެ.
މިރޭގެ އަޑު އެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ސިވިލްސާވަންޓުންގެ މުސާރައިގެ މައްސަލަ ދައުލަތުން ސްޕްރީމްކޯޓަށް ހުށަހެޅިކަމުގެ ލިޔުމެއް އޮތްނަމަ އެ ލިމެއް ކޯޓަށް ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ.
އަދި އެލަވަންސް ދޫކުރުމާމެދު އިދާރީގޮތުން ފިޔަވަޅެއް އަޅާފައިވަނަމަ އެފިޔަވަޅެއް ދައުވާކުރާފަރާތުން ހުށަހެޅުމަށް ވެސް ދައުވާކުރާ ފަރާތުގެ ގާނޫނީ ވަކީލުގެ އަރިހުން އެދިވަޑައިގަތެވެ.