04 Nov 2018, 20:54
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ރައިސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރާ ރަސްމިއްޔާތު ކުލަ ގަދަ ގޮތަކަށް ފާހަގަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
އިބޫ ހުވާ ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަން ހެމަޖެހިފައިވާ ގޮތުގެ ބައެއް މައުލޫމާތު ހިއްސާ ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ، އިބޫގެ ފަރާތުން އެކުލަވާލައިފައިވާ ކޮމެޓީއާ އެކު މަޖިލީހުން މަޝްވަރާތައް ކުރިއަށް ގެންދާތާ ދެ ހަފްތާ ދުވަސް ވެއްޖެ ކަމަށާއި މިއަދުގެ ބައްދަލުވުމުގައި އަލަށް އިންތިހާބްކުރި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގަތް ކަމަށެވެ.
"އެކަން ވީހާ ވެސް ކުލަ ގަދަކޮށް ގެންދިއުމަށް މަޖިލީހުގެ ރައީސް ވެސް ބޭނުންފުޅުވެ ވަޑައިގަންނަވާ. އަދި މި އަހަރަކީ ރާއްޖޭގެ ޖުމްހޫރިއްޔަތައް ފަންސާސް އަހަރު ފުރޭ އަހަރުކަމަށްވާތީވެ އަޅުގަނޑު އަބަދުވެސް ބޭނުންވޭ އެކަން ކުލަ ގަދަގޮތަކަށް ފާހަގަކުރަން،" މޫސަ ވިދާޅުވި އެވެ.
ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ނަމަވެސް އަންނަ ފަސް އަހަރަށް ރައިސުލްޖުމްހޫރިއްޔާ ހުވާކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ ކަން އެހެން ދިމާވި ނަމަވެސް އިބޫ ހުވާކުރާ ދުވަސް ކުލަ ގޮތަކަށް ފާހަގަކުރުމަށް ނިންމާފައިވާ ކަމަށެވެ.
އިބޫ ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް މިހާތަނަށް ހަމަޖެހިފައިވަނީ ގަލޮޅު ބޯޅަ ދަނޑުގައި ކަމަށް މޫސަ ވިދާޅުވި އެވެ. އަދި އެ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ދިވެހި ހުރިހާ ރައްޔިތުންނަށް ދައުވަތު ދެއްވާކަން މޫސަ ފާހަގަ ކުރެއްވި އެވެ. ޖާގަ އޮތް މިންވަރަކުން ވަޑައިގަންނަވާ ފަރާތްތަކަށް ޖަލްސާ ބަލާލުމުގެ ފުރުސަތު ދެއްވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
"މަޖިލީހަށް އެކަން ކުރުމުގެ ފުރުސަތު ލިބުމާއި އެކީގައި މަޖިލީހަށް ބަޖެޓުގެ ތަނަވަސްކަން އޮތް ވަރަކުން އަޅުގަނޑުމެނަށް އެކަން ވީހާވެސް ކުލަގަދަ ގޮތަކަށް ގެންދެވޭތޯ ބަލާނަން،" މޫސަ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތަށް ގިނަ މީހުންނަށް ދައުވަތު ދެއްވަމުން އަންނަ ކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ ރާއްޖެގެ ރައީސް ކަމާއި ނައިބު ރައީސްކަން ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށްވެސް އެ ޖަލްސާއަށް ދައުވަތު ދެއްވާނެ ކަމަށެވެ.