04 Nov 2018, 18:28
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ ޝަރުތު ގާސިމް އިބްރާހިގެ ކިބައިގައި ނެތްކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެފައިވާތީ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު އެކަމަށް ރައްދު ދެއްވައިފި އެވެ.
ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާ ބޭފުޅަކީ ރައީސްލުޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ޝަރުތު ހަމަވާން ޖެހޭނެ ބޭފުޅަކަށް ވާން ޖެހޭނެ ކަމަށް ގާނޫނު އަސާސީއާ ހަވާލާދީ އާޒިމާ ވަނީ ވިދާޅުވެފަ އެވެ.
އެހެންކަމުން އަލަށް ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ މަގާމަށް އިންތިހާބުވި ގާސިމަކީ 65 އަހަރުން މަތީގެ ބޭފުޅަކަށް ވުމުން އޭނާ އަށް ވަގުތީ ގޮތުން ވެސް ރައީސުލްޖުމްހޫރިޔާ ކަމުގެ މަގާމަށް ނާދެވޭނެ ކަން އާޒިމާ ފާހަގަ ކުރެއްވި އެވެ.
އާޒިމާގެ ވާހަކަތަކަށް ރައްދު ދެއްވައި މޫސާ މަނިކު ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާ އާއި އޭނާގެ ނައިބް އިސްތިއުފާ ދެއްވި ނަމަވެސް މަޖިލީހުގެ ރައީސަށް ރައިސުލްޖުމްހޫރިއްގާ މަގާމަށް އާދެވެނީ އިންތިހާބެއް ބާއްވަން ދެން ވަގުތީ ގޮތުން ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ މަގާމް އަދާކުރުމާއި ރައިސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރުމަކީ ތަފާތު ދެ ހާލަތެއް ކަމަށް މޫސަ ފާހަގަކުރެއްވި އެވެ.
"ރައިސުލްޖުމްހޫރިއްޔާގެ މަގާމާއި ނައިބްގެ މަގާމް ހުސްވެއްޖިއްޔާ އެ ދެ މަގާމު ހުސްވެއްޖިއްޔާ އެކަން ކުރާނެ ގޮތުގެ ވާހަކަ ގާނުނު އަސާސީގެ އެބައޮތް ވަރަށް ރީތިކޮށް ލިޔެފަ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހަވާލުވެވޭ. މަޖިލީހުގެ ރައީސަށް ހަވާލުނުވެވޭ ހާލަތެއްގައި މަޖިލީހުގެ ރައީސްގެ ނައިބަކަށް އެކަން އެބަ ހަވާލުވޭ،" މޫސަ ވިދާޅުވި އެވެ.
ގާނޫނު އަސާސީ އޮތީ ވަރަށް ފުޅާ ދާއިރާއަކަށް ހަދާފައި ކަމަށާއި އޭތި އެކި މީހުނަށް އެކި ގޮތަށް މާނަކުރެވިދާނެ ކަން މޫސަ ފާހަގަ ކުރެއްވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބް ރައީސަށް ރައިސުލްޖުމްހޫރިއްޔާގެ މައްސޫލިއްޔަތު އަދާނުކުރެވޭ ހާލަތެއްގައި މަޖިލީހުން ފާސްކުރާ ގަރާރަކުން ވެސް ވަގުތީ ގޮތުން ރައީސްގެ މަގާމަށް މީހަކު ގެނައުމުށް ފާސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއީ އަޅުގަނޑަށް ފެންނަ ގޮތަކީ. އަޅުގަނޑަކަށް ނުފެނޭ އެއީ އާޒިމާ ނިންމަވަން ޖެހޭނެ ކަމެއް ކަމަކަށް. އަޅުގަނޑުމެންގެ ރާއްޖޭގައި ސުޕްރީމް ކޯޓާއި ތަންތަން ވެސް އެބަހުރި. މި ގާނޫނު މާނަކުރުމުގެ މައްސަލައެއް ޖެހެއްޖިއްޔާ އެ ތަންތަނުން ވެސް ބަލާނެ،" އާޒިމާގެ ވާހަކަތަކަށް ރައްދު ދެއްވައި މޫސަ ވިދާޅުވި އެވެ.