ގަވައިދާ ހިލާފަށް ރުއްތައް ކަނޑައިގެން ދެރަށަކާމެދު ފިޔަވަޅު އެޅިކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ރުއްގަސްތައް ކަނޑާ ބޭރުކުރާ މައްސަލައާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުރު އެންވަރަމަންޓް މިނސްޓްރީގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ ގަވާއިދާ ހިލާފަށް ރުއްގަސް އުފުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިވާނެ ކަމުގައެވެ.

"ދެރަށަކަށް ފިޔަވަޅު އަޅާފައިވާނެ. އެއްރަށަކަށް މިއޮތީ ރިނބުދޫ. އަނެއް ރަށަކަށް ޅައިމަގާއި ދޭތެރޭގައިވެސް ރުއްނެގުމުގެ ކަންތަކުގެ މިހާރު އެއް ފިޔަވަޅު އަޅާފައިވާނީ. އަދިވެސް އިތުރު މައްސަލަތަށް އެކި އެކި ރަށްރަށުގައި ބަލަމުން މިގެންދަނީ. އެގޮތުން ޅައިމަގުގައި ވެސް އަދިވެސް އެބަހުރި ބަލަމުންގެންދާ މައްސަލަތަކެއް،" ނައީމް ވިދާޅުވިއެވެ.

ނަމަވެސް އެ ދެ ރަށާ މެދު އެޅީ ކޮން ފިޔަވަޅެއް ކަމެއް އޭނާ ވިދާޅެއްނުވެއެވެ.

މާލޭގެ ބޮޑުތަކުރުފާނުމަގު ނުވަތަ ރިންގް ރޯޑުގައި ތާރު އަޅައި ފުޅާ ކުރުމަށް، އެ މަގުގައި ހުރި ރުއް ގަސް ގަވާއިދާ ހިލާފަށް ކަނޑާފައިވާތީ އީޕީއޭ އިން ހައުސިން މިނިސްޓްރީވެސް ދާދި ފަހުން ވަނީ ޖޫރިމަނާ ކޮށްފިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ މިފަހުން ނުވަ ރަށަކުން ގަވައިދާ ހިލާފަށް ރުއްކެނޑިކަން އެނގިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ށ. މާކނޑުދުއާއި މިލަންދޫ ދ. ބަނޑިދޫ. ބ. ފުޅަދޫ ދ. އުއްދޫ. ގދ. ފަރެސްމާތޮޑާ ކައިރީ އޮންނަ ފަޅުރަށަކާއި ރ. ރަސްގެތީމް، ބ. މާމަޑުއްވަރި، ނ. މާފަރު ށ. ޅައިމަގު ހިމެނެއެވެ.